21 Aug 2023, 19:22
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބޭ މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.
މިއަދު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ގުޅީފަޅު، ސީލައިފް އަދި ހިޔާ ކެޓަގަރީން ފްލެޓު ލިބުނު މީހުންނާ ރަމްޒީގޮތުން ތަޅުދަނޑި ހަވާލުކޮށްފައެވެ. އެމީހުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
ސީލައިފްގެ ޚިޔާނަތުގައި ގެއްލުންވި 92 މީހަކަށް އަދި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ "ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ފްލެޓު ލިބި، ފަހުން އެ ފްލެޓުތައް އަތުލި މީހުންގެ ތެރެއިން 100 މީހަކަށް ވިނަރެސްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާބަންކޯގެ ސީއީއޯ އަހްމަދު އާތިފް ވިދާޅުވީ މިއީ މީގެ ކުރީގެ ސަރުކާރުތަކުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބި، ފަހުން ގޮތް ހުސްވެފައި ތިބި އެތައް ބަޔަކަށް އުންމީދެއް ލިބުނު ދުވަސް ކަމަށެވެ.
"މި ސަރުކާރުން ބޯހިޔާވަހި ކަމާއި، އަދި އެހެނިހެން ވެސް އެއްވެސް އަސާސީ ކަމެއްގައި ވަކި މީހަކު، އެއްވެސް މީހަކު ބާކީ ނުކޮށް ގެންދާނެ ކަމުގެ ވަރަށް ރަނގަޅު މިސާލެއް މިއީ" އާތިފް ވިދާޅުވިއެެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ އެ ތަނުގައި މީހުން ދިރިއުޅެން ވާއިރަށް ހުރިހާ ވަސީލަތްތަކެއް ހުންނާނީ ފުރިހަމަވެފައި ކަމަށެވެ. އެގޮތުން، ޕޭވްމަންޓުތައް ހަދައި، ޓަވަރުތަކުގެ ވަށައިގެން އޮތް މާހައުލު ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވެސް ވާނީ ކޮމާޝަލް ސްޕޭސްތައް އެ ބޭނުންވާ އެލޮކޭޝަންސްތައް ހަދާ މިހާރު ވެސް އެ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށްފައި" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގައި ކުރިއަށްދާ ޕްރައިވެޓް ހައުސިން މަޝްރޫއުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ޕޯޓަލެއް ވެސް ތައާރަފުކޮށްފައިވެއެވެ. އެ ޕޯޓަލްގެ އެހީގައި، އެޕާޓްމެންޓުތަކުގެ މައުލޫމާތާއި، މަސައްކަތް ނިމެމުންދާ ވަރު، އަދި ވިކެމުންދާ ވަރު އެނގޭނެއެވެ. އެއީ އީފާސް މެދުވެރިކޮށް ލޮގިން ވެގެން ކޮންމެ މީހަކަށް ވެސް އެ މައުލޫމާތު ބަލައިލަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.