ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އާބަންކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހުޅުމާލެއިން ގޯތި ދިނުމަށް ހިއްކަނީ މިހާރު ސަފާރީތައް އަޅާފައިވާ ސަރަހައްދެވެ. ދެން ސަފާރީތައް އަޅަން ނިންމާފައި ވަނީ ތިލަފުށި ކައިރީ އޮންނަ ދިޔަނެރު ފަޅުގައެވެ. އެ ފަޅުގައި ސަފާރީ އަޅާ ތަނެއް ތަރައްގީ ކުރަން ބިން ހިއްކުމަށް ވެސް މިއަދު ވަނީ ސީއެމްސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރު ހިއްކާނެއެވެ. އަދި ދިޔަނެރު ފަޅުން 24.6 ހެކްޓަރު ހިއްކުމަަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ އިތުރުން ގިރާވަރުފަޅާއި ގުޅިފަޅުން ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހުޅުމާލެ އިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކުރާނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށް މިހާރު ވަނީ ގުރުއަތުލައިފައެވެ. ހައުސިން މިނިސްޓްރީން ބުނީ ބިން ހިއްކުން ނިންމައި ނޮވެމްބަރު 11 ގެ ކުރިން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށެވެ.