ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ޑީޖޭއިން ތަމްރީނު ކުރުމަށް، ހާއްސަ ވޯކްޝޮޕެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި، އަމިއްލަ ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.

އަންނަ މަހުގެ 24 އިން ފެށިގެން އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ މި ކޯހަށް ނެގުމަށް ހަމަޖެހިފައިވަނީ 20 ދަރިވަރުންނެވެ.

އޫބާ އިވެންޓްސް އެންޑް އާޓިސްޓްސް ގެ ފަރާތުން ހިންގާ މި ވޯކްޝޮޕަކީ މެލޭޝިއާގެ ޑީޖޭސް ޕްލޭ ގްރައުންޑާ ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މި ކޯސް ނިންމުމާއެކު ޕައިނިޔާ ސާޓިފައިޑް ސެޓްފިކެޓެއް އެ ކުދިންނަށް ލިބޭނެއެވެ.

މި ކޯހުގެ ތެރޭގައި ހިމެނެނީ ބޭސިކް، އެޑްވާންސް އަދި ބީޓް މިކްސިންނެވެ. ދެ ހަފްތާ ތެރޭ މި ހުރިހާ ބަޔަކަށް އަލި އަޅުވާލައި، ބައިވެރިވާ ކުދިންނަށް އެ ބައިބައި ދަސްކޮށްދޭނެއެވެ.

ޑީޖޭއިން އުފެއްދުަމަށް ހިންގަން ހަމަޖެހިފައިވާ ކޯހުގެ އެއްބަސް ވުމުގަި ސޮއި ކުރުމުގެ ރަސްމިއްޔާތު-- ސަން ފޮޓޯ/މުހައްމަދު ޝާތިއު

މި ވޯކްޝޮޕްގެ އެންމެ ބޮޑު އަމާޒަކީ، ޕީކް ސީޒަން އައުމުގެ ކުރިން ޑީޖޭ ކުރުމަށް ޝައުގުވެރިވާ ކުދިންނަށް އެ ހުނަރު ދަސްކޮށްދީ، ދިވެހި ރާއްޖޭގެ ޓޫރިޒަމް އަށް ޚިދުމަތް ކުރާ ބައެއްގެ ގޮތުގައި އެ ކުދިން ބިނާ ކުރުމެވެ.

ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުންފެށިގެން ހުޅުވަލެވިފައިވާއިރު، ކުރިމަގުގައި ވެސް މިފަދަ ކޯސްތަށް ހިންގަމުން ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

އެއްވެސް އަގަކާ ނުލައި ބައިވެރިވެެވޭ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް މިފަދަ ކޯސްތައް ވަނީ ހިންގާފައެވެ. އެގޮތުން 2006 އިން ފެށިގެން, ތިން އަހަރުން އެއްއަހަރު ކަހަލަ ގޮތަކަށް މިފަދަ ކޯސްތައް ހިންގަމުން ދިޔައެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްކުރަމުންދަނީ ތިރީހަކަށް ދިވެހި ޑީޖޭއިންނެވެ.