08 May 2012, 16:41
ޕެރިސް(މޭ 8):ފަރަންސޭސި ރައީސްކަމަށް އެޤައުމުގެ އިދިކޮޅު ސޯސަލިސްޓް ލީޑަރ ފްރާންސްވާ އޮލާންޑޭ އިންތިޚާބު ކުރެވުމުން ދުނިޔޭގެ ޤައުމުތަކުން އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަމުންއެބަގެންދެއެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އޮލާންޑޭ އިންތިޚާބުވިކަން އިޢްލާންކުރުމާއެކު ފޯނުންގުޅުއްވައި މަރްޙަބާ ދަންނަވާފައެވެ.
މިފޯންކޯލުގައި އޮބާމާވަނީ ވައިޓް ހައުސްއަށް ޒިޔާރަތްކުރުމުގެ ދަޢްވަތު އޮލާންޑޭއަށް އަރުވާފައެވެ. އޮބާމާގެ އިތުރުން ޗައިނާގެ ރައީސް ހޫޖިންޓާއޮ އާއި ރަޝިޔާގެ ރައީސް ޕޫޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އާއި ޔޫރަޕްގެ ޤައުމުތަކުގެ އިސްވެރިންވެސްވަނީ އޮލާންޑޭއަށް މަރްޙަބާ ދަންނަވާފައެވެ.
ފަރަންސޭސިވިލާތާ ގުޅުންތައް ގޯސްވެފައިވާ ސޫރިޔާއާއި އީރާނާ އަދި ތުރުކީން ބުނީ ސަރކޯޒީގެ ދުވަސްވަރާ ޚިލާފަށް އޮލާންޑޭގެ ވެރިކަމުގައި ހަރުކަށިއުސޫލުތައް ފަރަންސޭސިވިލާތުން ނުގެންގުޅޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އޮލާންޑޭއާމެދު އުންމީދުގެ ނަޒަރަކުން ބަލާނެ ކަމުގައެވެ. ސަރކޯޒީގެ ވެރިކަމުގައި ފަރަންސޭސިވިލާތަކީ އެމެރިކާއާ ގުޅިގެން އީރާނާ ދިމާކުރުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅެމުންދިޔަ ޤައުމެކެވެ. ތުރުކީގެ ޚޛާރިޖިއްޔާއިންބުނީ އޮލާންޑޭގެ ވެރިކަމުގައި ތުރުކީއާއި ފަރަންސޭސިގުޅުންތައް ރަނގަނޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައެވެ.
ފަރަންސޭސި ސޯސަލިސްޓް ލީޑަރ ފްރާންސްވާ އޮލާންޑޭ އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރައްވައި ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ އިއްޔެގައެވެ. ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮލާންޑޭ ކާމިޔާބުކުރެއްވީ 51.8% ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ފަރަންސޭސި މިހާރުގެ ރައީސް ނިކޮލައި ސަރކޯޒީ އަށް ލިބިވަޑައިގަތީ 48% ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އޮލާންޑޭ ވިދާޅުވީ ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތަކުން ސަލާމަތްކުރުމަށްހުރިހާ ޤައުމުތަކަކާއެކު ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައެވެ.އުމުރުން 57 އަހަރުގެ އޮލާންޑޭ އަކީ ފަރަންސޭސި އެއްވެސް ސަރުކާރެއްގައި މިހާތަނަށް ޚިދްމަތްކުރައްވާފައިވާ ބޭފުޅެއްނޫންނަމަވެސް އޭނާއަކީ ސިޔާސީ މައިދާނުގައި ތަޖްރިބާ ޙާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. -- އަލްޖަޒީރާ