14:45


ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެޓަރނީ ޖެނެރަލްގެ މަގާމުން އަލްއުސްތާޛު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ އެޓަރނީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ސުއޫދު މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ސުއޫދު ވިދާޅުވެފައި ވަނީ ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީ އާއި، ގާނޫނު އަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިގާލީ މުއްދަތު ހަމަވިއިރު، އެ ބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް ކަމުގައި ޒުހޭރު ވިދާޅުވި އެވެ. އަދި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ މި ކަހަލަ ހާލަތަކަށް ގައުމުގެ ކަންތައްތައް ހިނގައިދާނެތީ މިދިޔަ ހަފްތާގައި ހުރިހާ އޮފީހެއްގެ ޕާމަނަންޓް ސެކްރެޓަރީންނާއި ރައީސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް މެދުވެރިވާ ކަންތައްތައް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.


ބަންޑާރަނައިބުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމާ ދޭތެރޭ ވިސްނުން ހުރީ ކިހިނެތްތޯ ސުވާލު ކުރުމުން ޒުހެއިރު ވިދާޅުވީ ގާނޫނީ ތަޢުލީމު ހާސިލު ކުރައްވައިގެން ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި ސުއޫދު ވިދާޅުވާ ފުރުސަތު އިއާދަވުމުން އެމަނިކުފާނު އަނބުރާ ވަޒީފާ އަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޒުހެއިރު ވިދާޅުވި އެވެ.  ޒުހެއިރު ވިދާޅުވީ ވަޒީރުން އައްޔަންކުރުން ފަދަ ކަންކަން ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހާ ކަމަށެވެ.  


 


12:30


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދިދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޓާނީ ޖެނެރަލްގެ މަގާމުން ސުޢޫދު އިސްތިއުފާ މި ދެއްވީ "ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތްކަމަށް... އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީ" ކަމަށެވެ.


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިޤާލީ މުއްދަތު ހަމަވިއިރު، އެބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް ވެސް ސުއޫދުގެ ސިޓީގައި ލިއުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.


"އަދި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.


 


12:00


ސުއޫދުގެ އިސްތިއުފާ ސަރުކާރުން ޔަގީންކޮށްދެއްވައިފި އެވެ. ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ ބަންޑާރަނައިބު ސުއޫދުގެ އިސްތިއުފާއާ ގުޅޭ ގޮތުން ވަރަށް އަވަހަށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.


11:25


ދައުލަތުގެ ބަންޑާރަނައިބު ހުސްނުއްސޫދު އޭނާގެ މަގާމުން ދާދި ދެންމެ އިސްތިއުފާ ދެއްވައިފިކަން ވަރަށް މުއުތަބަރުކޮށް ސަންއެފްއެމް އަށް ކަށަވަރުވެއްޖެ އެވެ.


ސުއޫދު


ސުއޫދު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަށް ސުޕްރީމް ކޯޓެއް އުފެއްދިދާނެތޯ ރޭ ސަންއެފްއެމް އިން ދެންނެވުމުން އެކަމަށް ކޮމެންޓް ކުރެއްވުމަށް އޭނާ ވަނީ އިންކާރުކުރައްވައިފަ އެވެ. ސުއޫދު ރޭ ވިދާޅުވީ ފޮރިން މިނިސްޓަރު އެ ދައްކަވަނީ ކޮންވާހަކައެއްތޯ ބެއްލެވުމަށް ފަހު ގުޅުއްވާނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ ސުއޫދާ ގޮޅޭ ގޮތް ނުވެފަ އެވެ.


ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީސް ފޭލިވެ، އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓް އުފެއްދިފައި ނުވާތީ، "ގާނޫނީ ހުސްކަން ފޫބެއްދުމަށް" ރައީސް ސުޕްރީމް ކޯޓެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށެވެ.