21 Aug 2023, 14:59
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރާން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފިއެވެ.
ޓްރާންސްޕޭރަންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މިންވަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދާފައި ވާކަމަށެވެ. އަދި، އެ އެސެސްމަންޓުން އެނގުނު ގޮތުގައި ދައުލަތުގެ ޚަރަދުން ގާއިމްކޮށްފައިވާ މަޝްރޫއުތައް ކެމްޕޭނު ތެރޭ ހުޅުވުމާއި ނިންމުން ފާހަގަ ކުރުމަކީ ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރަސްމީކޮށް ކެމްޕޭން ފެށުނު ފަހުން އެފަދަ ކަންކަން ގިނަވެފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިކަމުގެ ކަންބޮޑުވުން ފާޅު ކުރަނީ ހަމަ އެކަނި އާންމުން ނޫން ކަމަށާއި އިންތިޚާބުގެ ކެންޑިޑޭޓުން ވެސް މިކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.
ޓްރާންސްޕޭރެންސީން ސަރުކާރުގެ ނޫސްތަކާ ހަވާލާދީ ބުނެފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެންޕޭން ރަސްމީކޮށް ފެށުންތާ 10 ދުވަސް ތެރޭ 16 ރަށެއްގައި 32 މަޝްރޫއެއް ފެށުމާއި ނިންމުން ފާހަގަ ކޮށްފައި ވާކަމަށެވެ. އަދި، މީގެ ތެރެއިން އަށް މަޝްރޫއަކީ މިދިޔަ އަހަރާ އޭގެ ކުރީ އަހަރުގެ ތެރޭ ނިންމާފައިވާ މަޝްރޫތަކެއް ކަމަށް އައިލްސް.ގަވް.އެމްވީ ގައި ވާކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.
މީގެ އިތުރުން ކެންޕެއިން ރަސްމީކޮށް ފެށުނުތާ 11 ދުވަސް ތެރޭ ޕްލޭނިން މިނިސްޓްރީން އެއް ބިލިއަނަށް ވުރެ އަގު ބޮޑު 14 މަޝްރޫއެއް އިއުލާނު ކޮށްފައިވާ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެއެވެ.
މީގެ އިތުރުން ވެސް، ސަރުކާރު ވަޒީފާގައި ތިބޭ މުވައްޒަފުން ލައްވާ ކެމްޕޭން މަސައްކަތް ކުރުވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.
އެ އެޖެންސީން ވަނީ މިފަދަ މައްސަލަތައް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ގޮވާލާފައެވެ.