21 Aug 2023, 15:43
ވޮޝިންޓަން (21 އޮގަސްޓް 2023): ހުޅަނގުން ޔުކްރެއިންއަށް ފޯރުކޮށްދޭ އެފް-16ގެ ފައިޓާޖެޓްތައް މަހެއްހާ ދުވަހުގެ ތެރޭގައި ރަޝިއާއިން ހަލާކުކޮށްލާނެކަމަށް ބެލެވޭކަމަށް އެމެރިކާގެ ކުރީގެ ޖާސޫސީ މަސްއޫލުވެރިއެއްކަމަށްވާ ސްކޮޓް ރިޓާ ވިދާޅުވެއްޖެއެވެ.
"އެކްސް" ޕްލެޓްފޯމް (ކުރީގެ ޓްވިޓާ)ގައި ލިޔުއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ރަޝިއާއަކީ އެފް-16ގެ ފައިޓާޖެޓްތަކަށް ހަމަލާދީ އެޖެޓްތައް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއްކަމަށާއި ޔުކްރެއިންގެ ސިފައިންގެ ލަޝްކަރު މިހާރުވަނީ ކިތަންމެ ހަތިޔާރެއްދިނަސް އަރައިނުގަނެވޭވަރަށް ބަލިކަށިވެފައެވެ. އެފް-16 ގެ ފައިޓާޖެޓް ލިބުނަސް ޔުކްރެއިންގެ ހަނގުރާމައިގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެއީ ރަޝިޔާއަށް ކުރިމަތިވާނެ އަސްކަރީ ގޮންޖެހުމެއް ނޫންކަމަށް ރިޓާ ވިދާޅުވިއެވެ.
ރިޓާ އަކީ ޔުކްރެއިން ހަނގުރާމައިގެ ހަގީގަތްތައް ހާމަކުރައްވާ އެމެރިކާގެ ކުރީގެ މަސްއޫލުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މި ހަގީގަތްތައް ހާމަކުރައްވާތީ ޔޫޓިއުބް އިންވަނީ ރިޓާ ސަސްޕެންޑް ކޮށްފައެވެ.
ރިޓާގެ އިތުރުން އެމެރިކާގެ ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުންވެސް އެފް-16 ފައިޓާޖެޓަކީ ޔުކްރެއިން ހަނގުރާމައިގެ ހާލަތު ބަދަލުކޮށްދޭނެ ހަތިޔާރެއް ނޫނެވެ. އަދި އެއީ ރަޝިއާއަށް ކުރިމަތި ނުލެވޭވަރުގެ ބޮޑު ގޮންޖެހުމެއްވެސް ނޫނެވެ.
އަނެއްކޮޅުން ޔުކްރެއިންގެ ވައިގެ ބޭސްތައް ރަޝިއާއިން ވަރަށްބޮޑަށް ހަލާކުކޮށްލާފައިވާތީ އެތަންތަން ވަރަށްބޮޑަށް މަރާމާތުކޮށްގެން ނޫނީ އެފް-16ގެ ފައިޓާޖެޓް ގެ ބޭނުން ޔުކްރެއިން އަކަށް ނުކުރެވޭނެއެވެ. އެމެރިކާވަނީ ނެދަލޭންޑްސްއާއި ޕޮލެންޑްގައިވާ އެފް-16ގެ ފައިޓާޖެޓް ޔުކްރެއިންއަށް ދިނުމުގެ ހުއްދަ އެދެގައުމަށް ދީފައެވެ.
ނެދަލޭންޑްސްއާއި ޕޮލެންޑުންވަނީ ޔުކްރެއިންއަށް އެފް-16ގެ 30 ފައިޓާޖެޓް ދޭންނިންމައި އެކަން އިއުލާނުކޮށްފައެވެ. މިއާއެކު އެދެގައުމު ގެންދަނީ އެފް-16ގެ ޖެޓްތައް ދުއްވާނެ ޔުކްރެއިންގެ ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.
ޕައިލެޓުން ތަމްރީނުކުރުމާއި ވައިގެ ބޭސްތައް މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލުމަށް އެތަށް މަހެއް ނަގާނެއެވެ. ޔުކްރެއިންއަށް އެފް-16 ގެ ޖެޓްތައް ރަޝިއާއާ ދެކޮޅަށް ބޭނުންކުރެވޭވަރުވާނެކަމަށް ބެލެވެނީ މަދުވެގެން 8 ވަރަކަށް މަސްފަހުންނެވެ.
ޔުކްރެއިނުން އެގައުމުގެ އަސްކަރީ ބޭސްތައް މަރާމާތު ކުރާއިރަށް ރަޝިއާ ވައިގެ މަގުން ހަމަލާދީ ދެވަނަ ފަހަރަށް އެތަންތަން ހަލާކުކޮށްލާނެކަމުގެ ބިރުވެސް އެބައޮތެވެ.
ރަޝިއާގައި އުފައްދާ ސޮޚޮއި 27 އާއި ސޮޚޮއި 35 މަރުކާގެ ފައިޓާޖެޓްތަކަކީ އެފް-16 ގެ ޖެޓްތަކަށް ހަމަލާދީ އެތަކެތި ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ޖެޓް ތަކެވެ. ރަޝިއާ ބުނާގޮތުން ޔުކްރެއިންއަށް އެފް-16 ގެ ޖެޓްތައް ފޯރުކޮށްދިނުމަކީ ކޮންމެވެސް ވަރެއްގެ ގޮންޖެހުމެކެވެ. ނަމަސް އެއީ ހަނގުރާމައިގެ ހާލަތަށް އެއްވެސް ބަދަލެއް އަންނަވަރުގެ ބުރަދަންހުރި ހަތިޔާރެއް ނޫނެވެ.
ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަން ކުރުމަށްޓަކައި ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކް ނާކާމިޔާބުވަމުންދިޔުމަކީ ހުޅަނގަށް ކުރިމަތިވާ ބޮލުގެ ރިހުމެކެވެ. ކައުންޓާ އެޓޭކްގައި ޔުކްރެއިންއަށް ކާމިޔާބު ނުލިބޭތީ އެމެރިކާއާއި ޔޫރަޕްވަނީ ވަރަށް މާޔޫސްވެފައެވެ. ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކަށް 3 މަސްވެފައިވާއިރު ރަޝިއާއަކީ އަސްކަރީގޮތުން ބަލިކުރެވޭނެ ގައުމެއްނޫންކަން ދަނީ ހާމަވަމުންނެވެ.