މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެއިން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯގެ ފްލައިޓެއްގައި އުމުރުން 51 އަހަރުގެ ދިވެއްސަކު އޭނާއަށް ޚިދުމަތް ދޭން އައި އެއާ ހޮސްޓެސްއަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ. އެއީ، މާލެއަށް ނިސްބަތްވާ މީހެކެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިތުރު ދެ އަންހެން ކެބިން ކްރޫއަކާ ފުރައްސާރަކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި، އެ މައްސަލާގައި ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓް (ކޭއައިއޭ)އަށް އެ ފްލައިޓް ޖެއްސުމާ އެކު އޭނާ ހައްޔަރުކޮށް ވަނީ ޖަލަށް ލައިފައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ނުބައި ނިޔަތުގައި އަންހެނަކަށް އަނިޔާކުރުން ނުވަތަ ޖިނާއީ ބާރުގެ ބޭނުންކުރުމާ އެފަދަ އިޝާރާތެއް ނުވަތަ އަމަލެއް ކުރި ކަމަށެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ ވަނީ ތިން ކެބިންކްރޫއަކާ ބޭއަދަބީ ބަހުން މުޚާތަބުކޮށް ގައިގައި އަތްލަން މަސައްކަތް ކޮށްފައެވެ.

ފްލައިޓް ޖެއްސުމާ އެކު އޭނާ ވަނީ ފުލުސް އޮފީހަށް ގެންގޮސްފައެވެ. މި މައްސަލަ ހުށަހެޅީ އިންޑިގޯގެ އޮފިޝަލެކެވެ.

އިންޑިގޯއިން ވަނީ ފްލައިޓުގައި އެ ހާދިސާ ހިނގާފައިވާ ކަން ކަށަވަރު ކޮށްދެއްވައިފައެވެ.