08 May 2012, 16:34
ނިއުދިއްލީ (މޭ 8): އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެވެ.
އިންޑިޔާގެ ވެސްޓް ބެންގޯލްގައި ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ޕާކިސްތާނަކީ އަލްޤާޢިދާގެ ހާއްޔެއްކަމަށް އެމެރިކާ އަށް ލަފާކުރެވޭ ކަމަށާއި އަލްޤާޢިދާގެ މިހާރުގެ ލީޑަރު ޑރ. އައިމަނުއްޒަވާހިރީ އަމާންކަމާ އެކު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް ޕާކިސްތާނުގައި ކަމަށް ބެލެވޭ ކަމުގަ އެވެ.
ދެހާސް އަށް ވަނަ އަހަރުގައި އިންޑިޔާގެ މުންބާއި އަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ އިސްފަރާތަކީ ޙާފިޒް ސަޢީދު ނަމަކަށް ކިޔާމީހެއް ކަމަށް އިންޑިޔާ ކުރާ ތުހުމަތުތަކަށް ތާއީދު ކުރައްވަމުން ހިލަރީ ވިދާޅުވީ ޙާފިޒް ހައްޔަރުކޮށް އޭނާ ޢަދާލަތަށް ޙާޒިރުކުރުމަށް އިންޑިޔާ ގޮވާލާގޮވާލުންތަކަށް ޕާކިސްތާނުން އިޖާބަދޭންޖެހޭނެ ކަމުގަ އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އިންޑިޔާ އާއި އެމެރިކާ ގޮވާލާ މިފަދަ ގޮވާލުންތަކަށް ޕާކިސްތާނުން ބީރުކަންފަތެއްދޭ ކަމަށް ވެސް ހިލަރީ ވިދާޅުވި އެވެ. މުންބާއި އަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ އިސްފަރާތަކީ ޙާފިޒް ސަޢީދު ނަމަކަށް ކިޔާމީހެއް ކަމަށް އިންޑިޔާ ކުރާ ތުހުމަތުތަކަށް އެމެރިކާ ތާއީދު ކުރެ އެވެ. ނަމަވެސް މިކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް މިދެ ޤައުމަށް ވެސް ދެއްކިފައިނުވާ ކަމަށް ޕާކިސްތާން ބުނެ އެވެ.
ހިލަރީ އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިޔާ ރުހޭގޮތަށް ޕާކިސްތާނަށް ފާޑުވިދާޅުވަނީ ސްރީލަންކާ އަށާއި އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގައި އިންޑިޔާގެ އެހީއަށް އެމެރިކާ ބޭނުންވެފައި ވާތީ އިންޑިޔާ ރުއްސުމަށްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)