އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މި ސަރުކާރުން ދޫކުރާ ފްލެޓުތައް އަތުލާނެ ކަމުގެ ބިރު އަދިވެސް އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޕޭން މެނޭޖަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް، މުއިއްޒުގެ މެނިފެސްޓޯ އާންމު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވިދާޅުވެފައެވެ.

އެއަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ މީގެ ކުރިން، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ "ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ގުޅީފަޅުގައި އެޅި ފްލެޓުތައް، މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަތުލާފައިވާ ކަަމަށެވެ.

"މުއިއްޒުގެ ބިރުވެރިކަން އަބަދު ވެސް އޮންނާނެ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންވެގެން މި ލިބުނުު ފްލެޓުތައް އަލުން އަނބުރާ އަތުލައްވާނެ ކަމުގެ," މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅުގެ މެނިފެސްޓޯއަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ، އޭގައި ހުރި ވައުދުތަކަކީ، އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްފައިވާ ވައުދުތަކެއް ކަމަށެވެ.

އެގޮތުން، ސަަރުކާރުން ދޫކުރާ ބިންތަކުގައި ގެ އެޅުމަށް ބޭނުންވާ ފައިނޭންސް ސަރުކާރުން ފޯރުކޮށްދޭނެކަމަށް ވެ ވަޑައިގެންނެވި ވައުދަކީ އެމްޑީޕީން މީގެ ކުރިން ވެފައިވާ ވައުދެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ މުއިއްޒު އިސްވެ ހުންނަވައި، ސިޓީ ކައުންސިލުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅާކަމަށް ތުހުމަތުކުރައްވާފައެވެ. ސަަރުކާރުގެ ފަރާތުން އިދިކޮޅަށް އެފަދަ އެއްވެސް ހުރަހެއް ކުރިމަތި ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.