08 May 2012, 16:09
ބައިނަލްއަގުވާމީ ރެޑްކުރޮސް އަދި ރެޑް ކުރެސެންޓް ދުވަސް ފާހަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓްގެ ފަރާތުން ޑެންގީއާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ދިވެހި ރެޑް ކުރެސެންޓުން ބުނެފައި ވަނީ ރެޑް ކުރެސެންޓުގެ ގޮފިތަކުގެ މެންބަރުން މެދުވެރިކޮށް ޑެންގީއާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި އެ ޕްރޮގޮރާމް ކުރިއަށް އޮތް ދެ މަހަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ދުވަހުގެ މުނާސަބަތުގައި މިރޭ އާޓިފިޝަލް ބީޗްގައި ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަފްލާގައި ދުވަހާ ގުޅޭ ވީޑިއޯ ދެއްކުމާއި ދިވެހި ރެޑްކުރެސެންޓުގެ މެންބަރަކަށް ނުވަތަ ދަރުމަ ވެރިއަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"...މިހަރަކާތްތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ޕްރޮގްރާމްތައް މިޖަމާއަތުގެ ގޮފިތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން ޒުވާނުން ގާބިލްކޮށް އިތުރުކޮށް މުޖުތަމައުގައި އިސްނެގުމަށް އަމާޒުކޮށް ދިވެހި ރެޑް ކުރެސެންޓް އިން އަތޮޅުތަކުގައި ގާއިމްކުރާ 10 ގޮފީގައި ޔޫތުލީޑާޝިޕް ކޭމްޕެއް ބޭއްވުމާއި ޒުވާނުންނާއި ތުއްތުކުދިންނަށް އަނިޔާ އިން މިންޖުވެފައިވާ ރައްކާތެރިކަމުގެ ޕްރޮޖެކްޓެއް ގައިމްކުރުން ހިމެނޭ،" ރެޑް ކުރެސެންޓުގެ ބަޔާނުގައިވެ އެވެ.
ބައިނަލްއަގުވާމީ ރެޑްކުރޮސް އަދި ރެޑް ކުރެސެންޓް ދުވަސް 2005 ވަނަ އަހަރުން ފެށިގެން އަންނަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުންނެވެ. އެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަރަކާތުގައި ހިމެނޭ ބައިވެރިންނާއި އެ ފަރާތްތަކަށް ނިސްބަތްވާ ދަރުމަވެރިން މެންބަރުން އަދި މުވައްޒަފުން އިންސާނިއްޔަތަށް ޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ފާހަގަކުރުން ކަމަށް އެ ޖަމާއަތުން ބުންޏެވެ.