21 Aug 2023, 10:57
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށިތާ ކުޑައިރުކޮޅެއް ތެރޭގައި މަޖިލިސް ހޫނުވުމާ ގުޅިގެން، މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ދިގު ޗުއްޓީއަކަށް ފަހު، ފުރަތަމަ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއުލާން ކުރެއްވީ އެމަނިކުފާން ނިސްބަތްވާ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީއަށް ސޮއި ކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރަން ފެއްޓެވިއެވެ.
އެއާއެކު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތިން މެމްބަރެއްގެ ނަން އިއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީއެވެ.
އެ މެމްބަރުންގެ ނަން އިއްވުމުން ވެސް ތަޅުން ދޫކޮށް ވަޑައެއް ނުގެންނެވިއެވެ. އެއާއެކު ނަޝީދު ވަނީ ޖަލްސާ މެދުކަނޑާލައްވާފައެވެ.
ނަމަވެސް އިރުކޮޅެއްފަހުން ޖަލްސާ އަލުން ފެށިއިރު ވެސް އެ މެމްބަރުން ތަޅުން ދޫކޮށް ވަޑައެއް ނުގަންނަވައެވެ.
އެ ތިން މެމްބަރުން މަޖިލީހުން ނުނިކުތުމުން، އެ މެމްބަރުން ނެތް ކަމަށް ނިންމާ މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް ވަނީ މަސައްކަތް ކުރައްވާފަައެވެ. އެހެންނަމަވެސް މެމްބަރުން އިތުރަށް ނުރުހުން ފާޅުކުރުމާއެކު ރައީސް ނަޝީދު ވަނީ އިތުރު މެމްބަރެއްގެ ނަން އިއްވާފައެވެ.
އެގޮތުން ވަޒީރުންގެ ގޮނޑީގައި އިށީނުމާއި ގުޅިގެން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާގެ ނަން އިއްވައި މަޖިލީހުގެ ތަޅުން ދޫކޮށް ނިކުތުމަށް ވަނީ އަންގަވާފައެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ގިނަކަމަށާއި ދާއިމީ ކޮމިޓީތައް އެކުލަވާލުން މުހިންމު ކަމަށެވެ. އަދި މަޖިލިސް ހިންގުމަށް އެއްވެސް މެމްބަރަކު ހުރަސް ނޭޅުމަށް ވަނީ ތަކުރާރުކޮށް ގޮވައިލާފައެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ދަށުން ބާރުގެ ބޭނުން ކުރެވޭނެ ކަމަށާއި އެހެންނަމަވެސް ބާރު ބޭނުންކުރަން ބޭނުން ނުވާ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އަޑު އެހުމެއް ނެތި ކެލާ ދާއިރާގެ މެމްބަރު ވެސް ވަނީ ފަހުން ވަޒީރުންގެ ގޮނޑިކޮޅުގައި އިށީނދެފައެވެ.
ނަން އިއްވާފައިވާ މެމްބަރުން ތަޅުން ދޫކޮށް ނުދިޔުމާ ގުޅިގެން އެންމެ ފަހުން ނަޝީދު ވަނީ މިއަދުގެ މަޖިލިސް ނިންމާލާފައެވެ.
"އަޅުގަނޑަށް މަޖިލިސް ކުރިއަށްގެންދިޔުމުގެ ފުރުސަތު މަޖިލިސް މެމްބަރުންނެއް ނުދެއްވާ. މިއީ ވަރަށް ހިތާމަވެރި ކަމެއް." ނަޝީދު ވިދާޅުވިއެވެ.