21 Aug 2023, 09:33
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށައި، ކުޑައިރުކޮޅެއް ތެރޭ މަޖިލިސް ހޫނުވެ ތިން މެމްބަރަކު ތަޅުން ދޫކޮށް ނިކުތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަން، އިއްވުމަށްފަހު ޖަލްސާ މެދުކަނޑާލައިފިއެވެ.
މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު ރައީސް ނަޝީދު އިއުލާން ކުރެއްވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ސޮއި ކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރަން ފަށައިފައެވެ.
އެއާއެކު ނަޝީދު ވަނީ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނިކުތުމަށް ތަކުރާރުކޮށް އަންގަވާފައެވެ. އެހެންނަމަވެސް އެ ބޭފުޅުން ވަނީ ތަޅުމުން ބޭރަށް ނުނިކުމެ އަޑުގަދަކޮށްފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގާނޫނުގައި ބުނާގޮތުން މަޖިލީހުގެ ރައީސް އަންގަވާ އެންގެވުމަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެމަނިކުފާނު ވަނީ މަޖިލީސް އިތުރަށް ކުރިއަށް ގެންދަވާނީ ނަން އިއްވާފައިވާ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރަށް ނިކުތުމުން ކަމަށް ބުނެފައެވެ.
އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރަށް ނުގޮސް އަޑުގަދަ ކުރުމުން ނަޝީދު ވަނީ އެ މެމްބަރުން ނެރުމަށް ސެކިއުރިޓީގެ އަރިހުން އެދިފައެވެ.
ދާންދޫ ދާއިރާގެ މެމްބަރަށް އެތައް ފަހަރެއްގެ މަތިން ތަޅުމުން ނިކުތުމަށް އެންގުމުން ވެސް ނުނިކުތުމާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ ހިނގަނީ ތަރަހައެއްގެ ތެރޭގައި ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރައިނުގަތުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު ވަނީ ނަން އިއްވުމާ ގުޅިގެން ތަޅުމުން ނުކުތުމަށްފަހު އަނެއްކާވެސް އަލުން މަޖިލީހުގެ ތަޅުމަށް ވަދެފައެވެ.
"މަޖިލީހުގެ ތަޅުމުން ބޭރަށް ނިކުތުމަށް އަނެއްކާވެސް އަލުން އަނބުރާ ވަނުމަކީ ވަރަށް ހުތުރު ކަމެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ޖަލްސާ މެދުކަނޑާލާފައި ވަނީ ނަން އިއްވާފައިވާ މެމްބަރުން ނުކުތުމުން ކުރިއަށް ގެންދިޔުމަށް ކަމަށް ވިދާޅުވެއެވެ.
"ރައްޔިތުންގެ ބާރުތަކުގެ މައްޗަށް ހުރިހާ އިއްޒަތްތެރި މެމްބަރުން ވެސް އަރައިނުގަތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަން،" ނަޝީދު ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.