21 Aug 2023, 08:38
ދީނީ އިލްމުވެރިޔާ ޝެއިޚް އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޝެއިޚް އުސްމާން އަވަހާރަވީ މިއަދު ފަތިހު މާލޭގައެވެ.
ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ކިޔަވާ ވިދާޅުވި ޝެއިޚް އުސްމާން ވަނީ އެކި ފަހަރު މަތީން އިސްލާމިކް މިނިސްޓްރީގައި ޚިދުމަތް ކުރައްވާފައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު "ސަން"އަށް ވިދާޅުވި ގޮތުގައި ޝެއިޚް އުސްމާނަކީ އޭނާގެ ވަޒީރުކަމުގައި މިނިސްޓްރީއަށް އެންމެ ބޮޑަށް އެހީތެރިވި އެއް ބޭފުޅާއެވެ. އެގޮތުން އޭރު މިނިސްޓްރީއަށް ލިބޭ ދީނީ ސުވާލުތަކަށް ޝެއިޚް އުސްމާން ވަގުތުން ޖަވާބު ދެއްވަމުން ގެންދެވި ކަމަށާއި އެކަމަށް ޚާއްޞަ ހޮޓްލައިނެއް އޭރު ހުންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް، ޝެއިޚް އުސްމާން ސިފަކުރެއްވީ "ހިތްތިރި، ޚުލްޤުހެޔޮ އަދި ޝަރަފުވެރި" ބޭފުޅެއްގެ ގޮތުގައެވެ.
މީގެ އިތުރުން، ދިވެހިން ދީނީ ގޮތުން ހޭލުންތެރި ކުރުމަށް ޝެއިޚް އުސްމާން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުވި ޒަކާތާ ބެހޭ އޮފީހުގައި ޝެއިޚް އުސްމާން ގިނަ މަސައްކަތްތަކެއް ކުރައްވައި، މުދަލުން ޒަކާތް ދިނުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ގައުމު ހޭލުންތެރި ކުރެއްވިއެވެ. އަދި ދީނީ ތަފާތު މައުޟޫތަކާ ބެހޭ ގޮތުން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް، ވަރަށް ފަހަކާ ޖެހެންދެން ވެސް މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.