21 Aug 2023, 09:07
ފިލްމު "ގަދަރު2"އަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ސަނީ ޑިއޯލް އިތުރު ދެ ފިލްމަކަށް ސޮއިކުރިކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތައް އެކްޓަރު ދޮގުކޮށްފިއެވެ.
ސަނީ ޑިއޯލްގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ސްޓޭޓްމެންޓެއްގައި އެކްޓަރު ބުނެފައިވަނީ، މިވަގުތު ހުރިހާ ސަމާލުކަމެއްވެސް ހުއްޓިފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމީޔާބީއެއް ހޯދާފައިވާ ފިލްމު "ގަދަރު2"އަށް ކަމަށެވެ.
މި ސްޓޭޓްމެންޓުގައި ސަނީ ބުނެފައިވަނީ އިތުރު އާ ފިލްމަކަށް ސޮއިކޮށްފިނަމަ ރަނގަޅު ދަނޑިވަޅެއް ބެލުމަށްފަހު އާއްމުންނާ އެ ޚަބަރު ހިއްސާ ކުރާނެ ކަމަށެވެ.
ސަނީ ޑިއޯލްއާއި ބަތަލާ އަމީޝާ ޕަޓޭލް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ގަދަރު2"އަށް މިހާތަނަށް 430.19 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މި ފިލްމަކީ އެންމެ 80 ކްރޯޑު ރުޕީސްއިން އުފައްދާފައިވާ ފިލްމެކެވެ. ސަނީ ޑިއޯލްގެ ފިލްމަކަށް މިހާބޮޑު އާމްދަނީއެއް ލިބިފައިވާއިރު ސަނީ ފަހުން ކުޅެފައިވާ ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބެއެވެ. އާއްމުންގެތެރޭގައި އެކްޓަރަށް ލިބެމުން އަންނަ މަގުބޫލުކަން ދެކި ސަނީ ޑިއޯލް ކުރިން ކުޅެފައިވާ ފިލްމު "ބޯޑާ" އަދި "މާ ތުޖޭ ސަލާމް"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާކަމުގެ ހަބަރުތައް ހަލުވިކަމާއެކު ވަނީ ފެތުރިފައެވެ.
ނަމަވެސް ސަނީ މި ޚަބަރުތައް ދޮގުކުރުމާއެކު ބައެއް ސަޕޯޓަރުންނަށް ވަނީ މާޔޫސްކަން ލިބިފައެވެ.
ފިލްމު "ގަދަރު2"އަށް ސޮއިކުރުމުގެކުރިން ސަނީ ވަނީ "ބާޕް" އަދި "ސޫރަޔާ"ގެ ނަމުގައި އުފައްދާ ދެ ފިލްމަކަށް ސޮއިކޮށްފައެވެ. މި ދެ ފިލްމަކީވެސް އަދި ރަސްމީކޮށް އިއުލާނުނުކުރާ އެހެންނަމަވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ފެށިފައިވާ ދެ ފިލްމެވެ. ސަނީއެކޭ އެއްގޮތަށް ފިލްމު "ގަދަރު2"އަށްފަހު ބޮލީވުޑްގައި ތަރި އޮއްސިފައިވާ ބަތަލާ އަމީޝާ ޕަޓޭލްވެސް ވަނީ ގިނަ ބައެއްގެމެދުގައި މަގުބޫލުވެފައެވެ.