08 May 2012, 15:24
ޓީވީއެއްގެ މައްސަލާގައި މަޖޫރީން ނުކުމެ މާލޭ ވިޔަފާރި ބަނދަރު މިދިޔަ ބުދަ ދުވަހު ބަންދުކުރި މައްސަލާގައި ޝާމިލްވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.
ޓްރާންސް ޕޯޓް އޮތޯރިޓީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ޗެއާމަން އަބުދުއް ރަޝީދު ނާފިޒް މިއަދު ވިދާޅުވީ މަޖޫރީންގެ ބަޔަކު އިސްވެ ތިބެ ކޮމާޝަލް ހާބަރުގެ މަސައްކަތް ހުއްޓުވި މައްސަލަ ފުލުހުންނަށް ތަހުގީގް ކުރަން ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގް ކޮށްނިމުމުން އެއަމަލު ހިންގި ފަރާތްތަކާ މެދު ދައުވާ ކުރާނެ ކަމަށެވެ.
"މާލޭ ކޮމާޝަލް ހާބަރު ބަންދުކުރި މައްސަލައާ ގުޅިގެން އެ މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިވަނީ ދަންނަވާފަ އެވެ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ދުނިޔޭގެ އެއްވެސް ޕޯޓެއްގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތެއް ނުދޭނެ ކަމަށާއި އެގޮތުން ރާއްޖޭގައި ހިނގައި ދިޔަ ހާދިސާއަކީ ކުޑަކަމެއް ކަމަށް ދެކެ ވަޑައިނުގަންނަވާ ކަމަށަވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވިޔަފާރި ބަނދަރަކީ އިގުތިސާދުގެ މައިދޮރާށި، ވިޔަފާރި ބަނދަރުގައި މިފަދަ ހާދިސާތަކެއް ހިނގައިފި ކަމުގައި ވަނީ ނަމަ ސީރިއަސް މައްސަލެއްގެ ގޮތުގައި އެކަން ބަލައި އެކަމާ ގުޅޭ ގޮތުން މައްސަލަ ތަހުގީގުކުރަން ފޮނުވުމަށް ވާނީ ދަންނަވާފައި،" ނާފިޒު ވިދާޅުވި އެވެ.
އެ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބުދުއްނާސިރު ވިދާޅުވީ ރާއްޖޭގެ ސީޕޯޓް އޮޕަރޭޓް ކުރަމުން އަންނަނީ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ކަމަށާއި އެގޮތަށް ކަންކަން ހިނގަމުންދަނިކޮށް ސެކިއުރިޓީ އިން ފަހަނައަޅައި ގޮސް އެފަދަ ގޮތަކަށް މުޒާހަރާކޮށް ސީޕޯޓް ބަންދުކުރުމަކީ ބޭރުދުނިޔެއިން ރާއްޖެ އިން ބޭރުން އަންން ބޯޓު ފަހަރު ބަނދަރުކުރުމުގައި ވެސް މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
ނާސިރު ވިދާޅުވީ އެ ހާދިސާ އަށް ފަހު ވިޔަފާރި ބަނދަރު ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން މުރާޖާ ކުރަމުން އަންނަ ކަމަށާއި ޕޯޓެއްގެ ސެކިއުރިޓީ އޭރިއާ އޮންނަން ވާގޮތަށް މާލޭ ކޮމާޝަލް ހާބަރުގެ މޫނޫމަތި ސަރަހައްދު އޮތްކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި ވަރަށް އަވަހަށް ސެކިއުރިޓީ އޯޑިޓެއްކޮށް އެ ސަރަހައްދު އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެތަނުގައި ކަންކަން ހަމަޖެހިފައިވާ ގޮތް އިންފްރާސްޓްރަކްޗާ، ލޭއައުޓް އެތުރިފައިވާ ގޮތާއި އެތާގެ ކުރިމަތި އޮންނަ ގޮތާއި މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް މުރާޖާ ކުރެވެމުން މިދަނީ މިފަދަ ޕޯޓް ފެސިލިޓީއެއްގެ ބޭރުގައި ކުރިމަތި އޮންނަން ޖެހޭ ގޮތަކަށް ނޫން އޮތިއްޔަކީ. އެހެންވީމަ އެތަނަށް އެބަޖެހޭ ވަރަށް އަވަހަށް އިސްލާހީ ފިޔަވަޅުތަކެއް ގެންނަން،" ނާސިރު ވިދާޅުވި އެވެ.
ތިން ގަޑިއެއްހާއިރަށް ވިޔަފާރި ބަނދަރު މަޖޫރީން ބަންދުކުރުމުގެ ސަބަބުން މުދާ ކުލިއަ ކުރުމުގެ މަސައްކައްކަތަށް އެ ދުވަހު ހުރަސްއެޅި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވި ކަމަށް ނާސިރު ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރުގައި މަޖޫރީން ބަލަމުންދާ ޓީވީ، މިދިޔަ ބުދަ ދުވަހު އެމްޕީއެލްގެ އެންގުމަށް ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ފަހު މަޖޫރީން ވަނީ އެމްޕީއެމް ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.
ސަން އޮންލައިން އާ ވާހަކަ ދެއްކި މަޖޫރީއަކު ބުނީ އެމްޕީއެލް ސަރަހައްދުގައި އެމީހުން ތިބެން ހަދާފައި ހުރި ޖަގަހައިގައި ހުރި ޓީވީ، އެމްޕީއެލްގެ ވެރިންގެ އެންގުމަށް ނަގައިގެން ގެންދިއައީ ރާއްޖެ ޓީވީ ބަލާކަމަށް ބުނެފައިކަމަށެވެ. އަދި އެމީހުން އެމުޒާހަރާ ހުއްޓާލީ އެ ޓީވީ އަނބުރާ އެމީހުންނާ ހަވާލްކުރުމުންނެވެ.