20 Aug 2023, 18:27
އެމެރިކާ ގައުމީ ޓީމުގެ ކެޕްޓަން ޓައިލާ އެޑަމްސް، ބޯންމައުތާ ގުޅުނުކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ 19 ވަނައިގައި ލީޑްސް އިން ނިންމާލަން ޖެހުމާއެކު ރެލިގޭޓްވުމާ ގުޅިގެން އެޑަމްސްގެ ރިލީސް ފީ ވެސް ކުޑަވެގެންދިޔައެވެ. ބޯންމައުތުން ޓައިލާގެ ސޮއި ހޯދާފައިވަނީ 23 މިލިއަން ޕައުންޑް (29 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ޓައިލާ ހޯދުމަށް ބޯންމައުތުގެ އިތުރުން ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަކުން މަސައްކަތްކުރިއެވެ. އެގޮތުން އޭނާ ޗެލްސީއާ ގުޅުމާ ގާތަށް ދިޔަ ނަމަވެސް، ފަހު ވަގުތު އެ ކްލަބުން ވަނީ އެކަމަށް ނިމުމެއް ގެނެސްފައެވެ. ޗެލްސީން ޓައިލާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވަނީ ބްރައިޓަންގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އެ ކްލަބާ ގުޅުމަށް އެއްބަސްވުމުންނެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ލީޑްސް އިން އެޑަމްސް 24 މެޗެއްގައި ފެނުނު އިރު، އޭނާއަށް ވަނީ މިދިޔަ މާޗް މަހު ފައިގެ މަސްގަނޑުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިފައެވެ. އެކަމާ ގުޅިގެން އޭނާއަށް ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ލީޑްސް ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށްދެވިފައެއް ނުވެއެވެ.
އެޑަމްސްއަށް ބޯންމައުތާއެކު ކޮންޓްރެކްޓަކާ ހަމައަށް ދެވިފައި މިވަނީ، މިދިޔަ ސީޒަނަށްފަހު ލީޑްސް ރެލިގޭޓްވުމުން ފުރަތަަމަ ޑިވިޝަންގެ ކްލަބަކަށް ބަދަލުވުމަށް އެޑަމްސް ވެސް ބޭނުންވެފައި ވަނިކޮށެވެ.