20 Aug 2023, 19:47
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހަމަލާދިން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނަށް ގޮވާލައިފިއެވެ.
ކެމްޕޭން ރެލީއެއްގައި އުޅުއްވަނިކޮށް އުމަރަށް ހަމަލާ ދިން މައްސަލަ އޭނާގެ ފަރާތުން ފުލުހަށް ހުށަހެޅީ އިއްޔެއެވެ.
އެ ހަމަލާއާ ގުޅިގެން އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބް ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ރަނިންމޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ގާނޫނު ލާޒިމުކުރާ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް ކަން ހާބީބު ފާހަގަ ކުރެއްވިއެވެ.
"ކެންޑިޑޭޓެއްގެ ސަލާމަތަށް ހުރަސް އެޅިދާނެ ފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލަން. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.
މި މައްސަލައިގެ އިތުރުން ހަބީބު ވިދާޅުވިގޮތުގައި އިއްޔެ ގުރައިދޫ ގައި ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީ ވެސް އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
އުމަރު ވިދާޅުވެފައިވަނީ ރޯޑް ރެލީއެއް ކުރިއަށް ގެންދަނިކޮށް އޭނާގެ މޫނުމަތީގައި ޖަހާފައިވަނީ ދަގަނޑު އެއްޗަކުން ކަމަށެވެ. އަދި އެމީހާއަކީ ޑުރަގު ވިއްކާ މީހެއްކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.
"ކެންޕޭން ހަރަކާތެއްގައި އުޅެނިކޮށް އަޅުގަނޑަށް ހަމަލާދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ މީހެއް. އަޅުގަނޑުގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން އެމީހާގެ ފޮޓޯ ނެގުމަށްފަހު ފުލުހުންނަށް ވަނީ ފޮނުވާފައި. އެ ހަމަލާގައި އަޅުގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ،" އުމަރުގެ ޕޯސްޓުގައިވެއެވެ.
އުމަރަށް އިއްޔެ މަގުމަތިން ހަމަލާދިން މައްސަލަ ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް އެ ތަހުގީގާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއްނުކުރެއެވެ.