އޭސީސީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅަން ދެން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމުގެ އަމުރަކަށް އޭސީސީން މިއަދު ހައިކޯޓުގައި އެދިއްޖެ އެވެ.

އޭސީސީން އެފަދަ އަމުރަކަށް މިއަދު އެދުނީ ބޯޑާ ކޮންޓްރޯލް ގާއިމް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އިމިގްރޭޝަނަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ވަކީލު އަލީ އާޒިމް ވިދާޅުވީ އޭޕްރީލް 25، 2011 ވަނަ ދުވަހު އިމިގްރޭޝަނުން ތައްޔާރުކޮށްފައިވާ ކެބިނެޓް ކަރުދާހުގައި މޮލްޓާގައި އެ ސިސްޓަމް ގާއިމްކޮށްފައި ވަނީ 1.5 އެމެރިކާ ޑޮރަލަށް ކަމަށާއި އަދި އަވަށްޓެރި ސްރީލަންކާގައި އެ ސިސްޓަމް ގާއިމްކޮށްފައި ވަނީ 2.2 މިލިއަން ޑޮލަރަށް ކަމަށް ބުނެފައިވާކަމަށެވެ. އަދި ވިދާޅުވީ ކަންއެގޮތަށް ހުރިއިރު ރާއްޖޭގައި އެ ސިސްޓަމް ގާއިމްކުރަން މަސައްކަތް ކުރަނީ 200 މިލިއަނެއް ހާ ޑޮލަރު ޚަރަދުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި އޮތް އިރު އިމިގްރޭޝަނުން އެކަން ކުރަން އުޅުމަކީ ރާއްޖޭގައި ކިތަންމެ ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ވިޔަސް އެކަމެއް ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަން ދޭހަވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ހިތްވަރު ލިބި ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެ ދިވެހި ދައުލަތަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އެ މަސައްކަތް ކުރިއަށްދާކަމަށާއި އެ މަސައްކަތް ކޮށް ނިންމައިފިނަމަ އޭސީސީއަށް ލިބިގެންވާ ސްޕްރީމް ކޯޓަށް ދިޔުމުގެ ހައްގު ވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މަސައްކަތް ހުއްޓުވުމަށް ހޯމް މިނިސްޓްރީއަށް ސިޓީއަކުން އަންގާފައި ވާނެ ކަމަށެވެ. އަދި އެ ސިޓީގެ އަަސްލު ޝަރީއަތަށް ހުށަހެޅުމަށް ފަހު ވަކީލު ވިދާޅުިވީ އެކަމަށް ރިއާޔަތް ކުރައްވާ ވަގުތީއަމުރާ މެދު ގޮތެއް ނިންމައި ދިނުމަށް އެދޭކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަގުތީއަމުރާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.