20 Aug 2023, 15:16
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މާލޭ ސަރަހައްދަށް އޮތް ތަސައްވުރުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހެޕިނަސް ސިޓީ"އެއް ގާއިމުކުރުމަށް ހިމަނައިފިއެވެ.
އެ ޕާޓީން ރޭ އާންމުކުރި ޕްލޭނުގައި މައިގަނޑު 16 ބައެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހެޕިނަސް ސިޓީގެ އިތުރުން، ތަފާތު ވައްތަރު ތަކުގެ ފަތުރުވެރިކަން ތައާރަފުކުރުމާއި، މޮނޮރޭލް އަދި އެކުއޭރިއަމް މޯލެއް ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެ ޕްލޭނުގައިވާ ގޮތުން، ހެޕިނަސް ސިޓީގައި ސާފިން އާއި، ބޯލިން ހިމެނޭހެން، އިންޑޯ އެކި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. އެތަނުން، ދިވެހި އުފެއްދުންތައް ވިއްކޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެ ކަމަށާއި، އެއީ ސަގާފީ ފަތުރުވެރިކަން ތައާރަފުވުމަށް ފަހިވާނެ ކަމެއް ކަމަށް އެމްއެންޕީން ބުނެއެވެ.
މީގެ އިތުރުން މަސްމާރުކޭޓާއި، ލޯކަލް މާރުކޭޓު ޒަމާނީކޮށް، އަތޮޅު ފިހާރަ ބަރި ޝޮޕިން ސެންޓަރަކަށް ބަދަލުކުރުމަށް އެ ޕްލޭނުގައިވެއެވެ.
"ދުބާއީގައި ހުންނަ ކަހަލަ" އެކުއޭރިއަމް މޯލެއްގެ އިތުރުން ޓެކްނޮލޮޖީ ޕާކަކާއި، ތީމް ޕާކެއް ވެސް ތަރައްގީ ކުރުމަށް ހިމަނާފައިވެއެވެ. އަދި، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގާ، މާލޭ އިންޑަސްޓްރިއަލް ވިލެޖު އަލުން ޑިޒައިން ކުރުމަށް ވެސް ނާޒިމް ހުށަހަޅުއްވައެވެ.
އެ ޕްލޭން އިފްތިތާހުކުރެއްވުމަށް ރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރަނގަޅު ޕްލޭނެއް ނެތި މާލެ މިހާ ހިސާބަށް އައުމަކީ އިޖްތިމާއީ ގިނަ މައްސަލަތައް ފެންމަތިވުމުގެ އަސްލުކަމަށެވެ.
"އެހެންކަމުން މާލޭގެ ތަރައްގީގެ ޕްލޭން އަޅުގަނޑު ތައްޔާރުކުރީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހޯދައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުމުގައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މާލޭގެ މައްސަލައަކީ ހަމައެކަނި ބޯހިޔާވަހިކަން ނެތިފައި އޮތުން އެކަނި ނޫންކަމަށެވެ.
"ދާއިމީ އުންމީދީ ހައްލުތަކެއް ހޯދައެއް ނުދެވުނު. އެހެނަސް އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތު. އަޅުގަނޑު ދެކޭ ގޮތުގައި މާލެއަށް ބޭނުންވަނީ ރޭވުންތެރިކަމާއި މާލޭގެ ތޮއްޖެހުމާއި ގެދޮރުވެރިކަމާއި އެ ކަމުން ނިކުންނަ ސިއްހީ އިޖްތިމާއި އަދި އެހެނިހެން މައްސަލައެއް ހައްލުކުރުމުގެ ހިކުމަތެއް،" އޭނާ ވިދާޅުވިއެވެ.
ނާޒިމްވަނީ ރޭ ނިކަމެތިންނަށް ހާއްސަކޮށް، އެއް ބިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކޮށްދެއްވާނެ ކަމަށް އިއުލާން ކުރައްވާ، އެ ފަންޑުގައި މިހާރުއްސުރެ ރެޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.