20 Aug 2023, 13:54
މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ، މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަހަކީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ބާއްވާނީ ބުރާސްފަތި ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލު ހޯލުގައެވެ.
މި އަހަރުގެ ލިޔުންތެރީންގެ ދުވަސް، ލިޔުންތެރީންގެ ގުޅުމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން ކަނޑައަޅާފައި ވަނީ "މުޖުތަމަޢުގެ މަސްލަޙަތު، ލިޔުންތެރިންގެ މަސްޢޫލިއްޔަތު"އެވެ. އަދި، ދިވެހި ލިޔުންތެރިންގެ ދުވަސް މި އަހަރު ޚާއްސަކޮށްފައި ވަނީ ދިވެހި އަދަބުގެ އުޖާލާވި ރަންތަރި، އުސްތާޛުލްޖީލް ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީއަށެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ، ލިޔުންތެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ތާރީޚުގައި ބާއްވަން ނިންމީ ލިޔުންތެރިންގެ ދުވަސް ކަމުގައިވާ ޖުލައި މަހުގެ އަށްވަނަ ދުވަސް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާ މި އަހަރު ދިމާވެފައިވުމުން ކަމަށެވެ. އަދި، މިފަދަ ހަރަކާތްތަކަކީ ސްކޫލުތަކުގެ ދަރިވަރުންނާ މުދައްރިސުން ޝާމިލުވާ ގޮތަށް ބާއްވާ ހަރަކާތްތަކެއް ކަމަށް ވާތީ ކަމަށް އެ އެކެޑަމީން ވަނީ ބުނެފައެވެ.
"މި ޖަލްސާގައި މި އަހަރުގެ ލިޔުންތެރީންގެ ދުވަސް އެ ފަރާތަކަށް ޚާއްސަކޮށްފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާންތައް އާ ކުރުމުގެ ގޮތުން އެ މަނިކުފާނުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓަކާއި އެ މަނިކުފާނުގެ ޚާއްސަ ފަންނެއް ކަމުގައިވާ އެ މަނިކުފާނުގެ ޑްރާމާތަކުން ފާހަގަކޮށްލެވޭ ޑްރާމާއެއް އިސްކޫލު ދަރިވަރުންކޮޅެއް އިސްޓޭޖުގައި ހުށަހަޅައިދޭތަން ފެނިގެންދާނެއެވެ. އަދި ލިޔުންތެރީން ލިޔުއްވައިފައިވާ ތަފާތު ފޮތްތައް ވެސް ނެރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މި އަހަރުގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ދައުލަތުގެ އޮފީސްތަކަށް އަމާޒުކޮށް ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން ވެސް އޮންނާނެއެވެ."ދިވެހި ބަހުގެ އެކެޑަމީ
އެ އެކެޑަމީން ބުނީ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން އާންމު ފަރާތްތައް ވެސް ޝާމިލުވާ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ލިޔުންތެރީންނާއި އެ ފަންނުގައި މަސައްކަތްކުރާ އެކި ޖަމުއިއްޔާތަކުން ވެސް އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް އެކެޑަމީން ބުންޏެވެ.
އަދި، މި ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސިލަރ ޑރ. ސައުދުﷲ ޢަލީ ކަމަށް ދިވެހި ބަހުގެ އެކެޑެމީން ވަނީ ބުނެފައެވެ.