20 Aug 2023, 14:19
މި އަހަރުގެ ދިރާގު ރޯޑް ރޭހަށް ރެޖިސްޓާވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އަހަރުގެ ދިރާގު ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުން ބުނީ ރޯޑް ރޭސްގައި، އެހެން އަހަރުތަކާ ޚިލާފަށް މުޅިން އާ ރޫޓެއް އޮންނާނެ ކަމަށެވެ. މި ރޫޓަކީ ވޯލްޑް އެތްލެޓިކްސް ސާޓިފައިޑް ރޫޓެކެވެ. މީގެ އިތުރަށް އާންމު ގޮތެއްގައި ޓެން ކޭ އަދި ފައިވް ކޭ އޮންނަ އިރު މި އަހަރު މުޅީން އަލަށް ހާފް މެރެތަން ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ރޯޑްރޭސް ޓީމުގެ އޮފިޝަލެއް ކަމަށްވާ ބިޝާރާ ހަމީދު ވިދާޅުވީ، ދިރާގު ރޯޑް ރޭހަކީ އިޖުތިމާއީ މުހިންމު ޝިއާރުތަކަށް ހާއްސަކޮށް ބާއްވާ ރޭހެކެވެ. އެގޮތުން މި އަހަރުގެ ޝިއާރަކީ ވެސް އެހެން އަހަރު ތަކެކޭ އެެއްފަދައިން، ކުޑަކުދިން ހިމާޔަތް ކުރުން އަދި ރައްކާތެރި ކުރުމެވެ.
މި ޝިއާރާ ގުޅޭ 12 އެންޖީއޯއެއް މި ރޭހުގައި ބައިވެރިވާނެއެވެ. އެގޮތުން ބައިވެރިވާ އެންޖީއޯ ތަކަކީ، އާކް، ބީވީއައިއެސްއެމް، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ކެއާ ސޮސައިޓީ، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވިއަން ތެލްސީމިއާ ސޮސައިޓީ، މަމްސް އެއިޑް އަދި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން ގެ އިތުރުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއެވެ.
އެންޖީއޯތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ރޭހުގައި ރެޖިސްޓާވާއިރު، ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވިއެވެ. އަދި، މިގޮތަށް އެންމެ ގިނައިން ނޮމިނޭޓު ކުރާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް ވެސް ޑީއެމްއާރްއާރުގެ ޓީމުން ވަނީ ބުނެފައެވެ.
"މިގޮތަށް އެންމެ ގިނައިން ނޮމިނޭޓް ކުރެވޭ ފަސް އެންޖީއޯ އަކަށް ދިރާގުގެ ފަރާތުން ބެހިގެން ދާގޮތަށް ހާއްސަ ޑޮނޭޝަން އެއް، ދެ ލައްކަ ރުފިޔާގެ ފައިސާ ގެ އެހީ ތެރިކަމެއް ފޯރުކޮށްދެވޭނެެ" ޑީއެމްއާރުއާރުގެ ބިޝާރާ ވިދާޅުވިއެވެ.

މިއަހަރުގެ ދިރާގު ރޯޑް ރޭސް ލޯންޗް ކުރުން-- ފޮޓޯ/މާހިލްއާތިފް
އަދި، މީގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަން އަކަށް ލިބިގެން ދާ ފައިސާ އަކާއި ކޮންމެ ރީތި ބިބް ނަންބަރެއްގެ ފައިސާ ވެސް ބައިވެރިވާ އެންޖީއޯ ތަކުގެ މެދުގައި ބެހިގެން ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ރޭސް ތިން ގަޑިއަކަށް ބެހިގެން ދާނެއެވެ. އެއީ، ފަތިހު 3:30 ގައި ހާފް މެރެތަން، ފަތިހު 5:30 ގައި ޓެންކޭ އަދި، ހަވީރު 4:30 ގައި ފައިވް ކޭ އެވެ. ދިރާގު ރޯޑް ރޭސް ފެށިގެން ދާނީ ހުޅުމާލެ ސެންޓްރަލް ޕާކާ ހަމައިންނެވެ. ޓެން ކޭ އަދި ފައިވް ކޭ ގެ ރޫޓު ދާދި އެއްގޮތަކަށް އޮންނަ އިރު ހާފް މެރެތަން ގެ ރޫޓު އެ ރޫޓާއި ކޮންމެ ވެސް ވަރަކަށް ތަފާތު ވާނެއެވެ. މި ކޮންމެ ރޫޓެއްގައި ވެސް ހަތަރު ހައިޑްރޭޝަން ސެންޓަރު ހުންނާނެއެވެ.
މި ރޭހުގައި ރަސްމީކޮށް ބައިވެރިވެވޭނެ އެންމެ ހަގު އުމުރަކީ ހަތް އަހަރެވެ. ފައިވް ކޭ ގައި ބައިވެރިވާނަމަ އެ މީހަކީ އުމުރުން 16 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ. ޓެން ކޭ އަދި ހާފް މެރެތަންގައި ބާއިވެރިވާނަމަ އެ މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
މީގެ އިތުރަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓެންޓު މާކެޓިން މެނޭޖަރު ހަސަން ޝާރިހު އާދަމް ވަނީ ރޯޑް ރޭހުގައި ބައިވެރިވާ ބޭބޭފުޅުން ރޭހުގައި ބާއިވެރިވާއިރު، ކުރިއަށް މިއޮތް ދެ މަސް ދުވަސްތެރޭ ދުވުމަށް ރެޑީވެ ފިޓް ވެގެން އައުމަށް އިލްތިމާސް ކޮށްފައެވެ.
މި އަހަރުގެ އިނާމުތަކަށް ވެސް ވަނީ ބޮޑު އަދަދު ތަކެއް ކަނޑައަޅާފައެވެ. އަދި، ވަކިން އަލަށް ތައާރަފު ކުރެވުނު ހާފް މެރެތަންގެ ޕްރައިޒްތައް ވެގެން ދާނީ ވަރަށް އެޓްރެކްޓިވް ޕްރައިޒް ތަކެއް ކަމުގައި ވެސް މި ޕްރެސްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
މިދިޔަ 2007 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވެމުން އަންނަ މި ރޭހަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ރޯޑް ރޭހެވެ. މީގެ އިތުރުން މި ރޭހަކީ 150 މީހުންނާ އެކު ފެށިގެން ދިޔަ ރޭހެކެވެ. މިހާރު މި ރޭހުގައި 4000 މީހުންނަށް ބައިވެރި ވެއެވެ.