20 Aug 2023, 12:25
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް "ޗެލެންޖެއް" ނޫން ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޕޭނު ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް މި ފަހަރު ޕީޕީއެމުން ނުނުކުތް ނަމަވެސް ޕީއެންސީއަކީ، ޕީޕީއެމްގެ އެންމެ ގާތް ވިސްނުން ކަމަށެވެ.
އަދި، ޕީއެންސީން މި ފަހަރުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރުނު ނަމަވެސް، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާ ވަޒީރުންގެ މަޖިލީހުގައި އިންނަވާ ރައީސް ޔާމީނުގެ ހުރިހާ ކަމަކާ އޭރު ވާގިވެރިވެފައިވާ ބޭފުޅަކަށް ވާއިރު އެ ވާހަކަތައް ނުދައްކާ ކުރިއަށް ދެވެން ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"2013 އިން ފެށިގެން 2018 އާ ހަމައަށް އެޖެންޑާ ކުރި ހުރިހާ ކަމެއްގައި މުއިއްޒުގެ ބައިވެރިވުން އޮތޭ. އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޮންމެހެން މުއިއްޒު އެއީ އަޅުގަނޑުމެންނަށް ޗެލެންޖަކަށް ވެގެން ދައްކާ ވާހަކައެއް ނޫން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިންތިޚާބަށް އާ ނަމެއްގައި މުއިއްޒު އެ ނުކުންނަނީ އެ ނޫން މީހެއް ކަމަށް ހެދިގެން ކަމަށެވެ.
"ޕީއެންސީން ނުކުތަކަސް ރައްޔިތުންނަށް ހަނދާން ކޮށްދޭން ބޭނުން ވަނީ މުއިއްޒަކީ އާ ބޭފުޅެއް ނޫން ކަމަށް،" އެ ކަމަނާ ވިދާޅުވިއެވެ.
މީގެ ކުރިން މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެ ކަމަނާ ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާ ގުޅިގެން ތަފާތު ވާހަކަތައް ދައްކަވާފައެވެ. އެގޮތުން، މުއިއްޒަކީ ޖަމިއްޔަތުއްސަލަފުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް އެ ކަމަނާ މީގެ ކުރިން ވަނީ ސިފަ ކުރައްވައިފައެވެ. އެ ކަމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.