މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ 14.5 ޕަސެންޓް އިތުރުވެ މިދިޔަ މަހު ދައުލަތުގެ އާމްދަނީ 479 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ޖެހިއްޖެ އެވެ.

މީރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން މިދިއަ މަހު 479.9 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާވަނީ ލިބިފަ އެވެ. މީރާއިން ބުނީ މި ދިޔަ މަހު ލިބުނު އާމްދަނީ ލަފާކުރި އަދަދަށްވުރެ 14.5 ޕަސެންޓް އިތުރުވެފައި ވަނީ ވިތް ހޯލްޑިން ޓެކްސް އާއި ޓޫރިސްޓް ރިސޯޓްތަކުގެ ބިމުކުއްޔާއި ޖޫރުމަނާގެ ފައިސާ ލިބުނު އަދަދު އިތުރުވުން ކަމަށެވެ. އަދި މި މަހު ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 32.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު އެންމެ ރަނގަޅަށް އާމްދަނީއެއް ޖެހުނީ ޓީ- ޖީއެސްޓީންނެވެ. އެބައިން 155.7 މިލިއަން ރުފިޔާ ލިބުނެވެ. ދެން އެންމެ ރަނގަޅަށް އާމްދަނީ ލިބުނު ޖެނެރަލް ޖީއެސްޓީން 107.9 މިލިއަން ރުފިޔާލިބުނެވެ. ޓޫރިޒަމް ޓެކްސްގެ ގޮތުގައި 76.6 މިލިއަން ރުފިޔާ ލިބިފައިވާއިރު ވިތް ހޯލްޑިންގް ޓެކްސްގެ ގޮތުގައި 29.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 18.9 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ.

ޑޮލަރުގެ ގޮތުގައި ދައުލަތަށް 19.7 މިލިއަން ޑޮލަރު ލިބުނު އިރު އެއީ ޖުމްލަ އާމްދަނީގެ 62.7 ޕަސެންޓެވެ. އަދި މި އަހަރުގެ މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ސަރުކާރަށް ވަނީ ލިބިފަ އެވެ. އެގޮތުން ޑޮލަރުން އެންމެ ރަނގަޅު އާމްދަނީއެއް ލިބުނީ ޓީ- ޖީއެސްޓީގެ ގޮތުގަ އެވެ.

މިދިޔަ މަހުގެ އާމްދަނީ ލަފާކުރި އަދަދަށް ވުރެ އިތުރު ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ލަފާކުރި އާމްދަނީއަށް ވުރެ 15.5 ޕަސެންޓް ދަށްވެފަ އެވެ. އެއީ ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްގެން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބުމުންނެވެ. ދައުލަތުގެ އާމްދަނީ ދަށަށްގޮސް ބަޖެޓްގެ ޑެފިސިޓް އިތުރުވުމުގެ މައްސަލަ ވަނީ ރާއްޖެއަށް ކުރިމަތިވެފަ އެވެ.