ފިލްމީ ދާއިރާއަށް ބަތަލާއެއްގެގޮތުގައި ތަޢާރަފްވުމުގެކުރިން ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ކުންފުނި، ޔަޝް ރާޖް ކުންފުނީގައި މަސައްކަތްކުރި ބޫމިކާ ޕެޑްނެކަރުއަށް މުސާރައިގެގޮތުގައި އޭރު ފުރަތަމަވެސް ލިބުނީ އެންމެ 7،000(ހަތް ހާސް) ރުފިޔާކަމަށް ބަތަލާ ބުނެފިއެވެ.

ޔަޝް ރާޖް ކުންފުނީގެ ކާސްޓިންގް ޑައިރެކްޓަރު ޝަނޫ ޝަރުމާގެ އެސިސްޓެންޓެއްގެގޮތުގައި މަސައްކަތް ކުރަމުންއައި ބޫމީ ބުނީ އެކްޓިންގް ކުރުމުގެ ޚިޔާލު އޭރު އެއްވެސް ވަރަކަށް ސިކުނޑީގައި ނޭނބުރޭ ކަމަށެވެ.

ޑައިރެކްޓަރު ޝަނޫ ޝަރުމާއާއެކު މަސައްކަތްކުރި ދުވަސްތަކުގެ ހަނދާންއާކުރަމުން ބަތަލާ ބުނީ ކާމިޔާބު އެކްޓަރު ރަންވީރު ސިންގްއާއި ޕަންކަޖް ތުރިޕާތީ ފަދަ އެކްޓަރުންގެ އޮޑިޝަންވެސް އޭރު ނެގީ ބޫމީ ކަމަށެވެ. މުސާރައިގެގޮތުގައި ފުރަތަމަ ލިބުނު އާމްދަނީގެ އަދަދު މިހާރު ލިބޭ އާމްދަނީއާ ބަލާފައި ކުޑަ ނަމަވެސް އެ އަދަދަކީ ވަރަށް ހާއްސަ އަދަދެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ދިރިއުޅުމުގައި އަލަށް އަދާކުރި ވަޒީފާގެ ފުރަތަމަ މުސާރަ ހަވާލުކުރީ މަންމައާ ކަމަށާއި މިހާރުވެސް މަންމަ އަތުގައި އެ ފައިސާ ހުންނާނެ ކަމަށް ބޫމީވަނީ ބުނެފައެވެ. އޭރު ފިލްމީ ދާއިރާއާއި ގުޅޭ ދާއިރާގައި މަސައްކަތް ކުރަމުން އަންނާތީ އެ ދާއިރާއިން އުނގެނުމަށް ލޯނެއް ނެގިކަމަށާއި ފަހުން އާމްދަނީގެގޮތުގައި ލިބޭ އެއްޗެއް ހަރަދުކުރީ ލޯން އަނބުރާ ދެއްކުމަށްކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ.

ޔަޝް ރާޖް ފިލްމްސްގެ އެސިސްޓެންޓް ކާސްޓިންގް ޑައިރެކްޓަރެއްގެ ވަޒީފާގައި އުޅެނިކޮށް ބޫމީ ފިލްމީ ދާއިރާއަށް ވެއްދީ ޑައިރެކްޓަރު ޝަނޫ ޝަރުމާއެވެ. ހަ އަހަރު ދުވަސްވަންދެން ވައިއާރްއެފްގެ އެ މަޤާމުގައި އުޅުނުއިރު ވަރަށް ގިނަ ފިލްމުތަކާ ގުޅުންހުރި މަސައްކަތްކުރެވިފައި ހުންނާނެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ދަމް ލާގާކޭ ހައިޝާ"އިން އަޔުޝް ކުރާނާއާއެކު ބެލުންތެރިންނަށް ބޫމީ ދައްކުވައިދިން ތަފާތު އެކްޓިންގް ހުނަރާއެކު ގިނަ ގޭބިސީތަކުގައި ބަތަލާގެ ނަން ބީރައްޓެހި ނަމަކަށް ނުވިއެވެ. ފިލްމީ ދާއިރާގެ ގިނަ ހަރުފަތްތަކެއް ފަތަޙަކުރުމަށްފަހު މިއަދު ބޫމީވަނީ ހިންދީ ސިނަމާގައި ތިބި އެންމެ ތަފާތު އެކްޓިންގް ދައްކުވައިދޭނެ ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. ބޫމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ މޭ މަހު ނެޓްފްލިކްސްގައި ޕްރިމިއަކުރި ފިލްމު "އަފްވާ"އިންނެވެ. ބޫމީ އަންނަނީ މި އަހަރުތެރޭ ނިންމާލެވޭނެކަމަށް ލަފާކުރާ އިތުރު ހަތަރު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.