20 Aug 2023, 08:59
ދުނިޔޭގެ މަޝްހޫރު ފާސްޓު ފުޑް ޗެއިން މެކްޑޮނަލްޑްސްގެ އިންޑިއާގެ އިރުއުތުރު ރީޖަންގެ ރެސްޓޯރެންޓުތަކުގެ މެނޫއަށް ބޮލީވުޑް އެކްޓަރު ކާތިކް އަރްޔަންއަށް ހާއްސަ މީލްއެއް އިތުރުކޮށްފިއެވެ.
ހަތަރު މީހުންނަށް ކެވޭގޮތަށް ތައްޔާރުކުރެވޭ މިކެއުން ނުވަތަ މީލްގެ ނަމަކީ 'ދަ ކާތިކް އާރްޔަން މީލް'އެވެ. މި ކެއުމުގައި ހިމެނޭނީ ކާތިކް އާރްޔަންއަށް މެކްޑޮނަލްޑްސްއިން އެންމެ މީރު ކެއުންތަކެވެ.
ކާތިކްއަށް ހާއްސަ މީލްއެއް މަޝްހޫރު ފާސްޓު ފުޑްޗެއިން މެކްޑޮނަލްޑްސްގެ މެނޫއަށް އިތުރުކޮށްފައިވާއިރު އެމެރިކަން ރެޕަރ ޓްރެވިސް ސްކޮޓްގެ ނަމުގައިވެސް މީލްއެއް ވަނީ މެކްޑޮނަލްޑްސްގެ މެނޫއަށް އިތުރުކޮށްފައެވެ. އަދި މި މީލްވަނީ ބައިނަލް އަޤްވާމީ ގިނަ ގައުމުތަކުގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް ހިނގާފައެވެ.
ކާތިކް އާރްޔަންގެ 'ދަ ކާތިކް އާރްޔަން މީލް'ގައި ހިމެނޭ ކެއުންތަކުގެތެރޭ ކްލެސިކް މެކް އަލޫ ޓިއްކީ ބަގާރ، ޗީޒީ ފްރައިސް އަދި ޕއްޒާ މެކްޕަފް ހިމެނެއެވެ. ކާތިކް ސަޕޯޓަރުންގެ އިތުރުން މި ކެއުމަށް އޯޑަރު ދޭ ފަރާތްތަކަށް އޯޑަރު ގެނެސްދެވޭނީ އެކްޓަރަށް ހާއްސަ ވަކި ތީމަކާވެސް އެކުގައެވެ. އަދި މި ކެއުމަށް ހާއްސަކުރެވިފައިވާ ކިއުއާރު ކޯޑެއް މެދުވެރިކޮށް ސަޕޯޓަރުންނަށް ކާތިކްއާއެކު އޮންލައިންކޮށް ސެލްފީ ނެގުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
މީގެ އެތައް އަހަރެއްސުރެން ފެށިގެން މެކްޑޮނަލްޑްސްއިން ކަމުންއައި އެންމެ ގަޔާވާ ކެއުންތައް ހިމަނައިގެން ކާތިކަށް ހާއްސަ ކެއުމެއް ތަޢާރަފްކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެންމެފަހުން ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"އިން ފެނުނު އެކްޓަރު މަސައްކަތްކުރަމުން އަންނަނީ "ޗަންދޫ ޗެމްޕިއަން"ގެ ނަމުގައި އުފައްދާ ފިލްމެއްގައެވެ. ޑައިރެކްޓަރު ކަބީރު ޚާންގެ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުއެވެ.