ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ އިންޑިޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑީ އެމް މުލޭ ކަމަށް އިދިކޮޅު އެމްޑީޕީ އިން ތުހުމަތުކޮށްފަ އެވެ.

ނަޝީދު މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދުގެ ހާޒިރުގައި އަދި ނަޝީދުގެ ފަރާތްޕުޅުން އިންޑިއާގެ "އޯޕަން" މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އިންޑިޔާ އަށް ކުރެއްވި ޒިޔާރަތުގައި މުލޭ ބައިވެރި ކުރެއްވި ކަމަށާއި އަދި ހުރިހާ ބައްދަލުވުންތަކުގައި ވެސް މުލޭ ބައިވެރިކުރެއްވި ކަމަށެވެ. އަދި އޭގެ ފަހުން މުލޭ ބޭނުންފުޅުވީ އޭނާގެ އެކުވެރި ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ނަމަވެސް އެ ފުރުސަތު ލިބިވަޑައިނުގަތުމުން ރާއްޖޭގެ އޭރުގެ އިދިކޮޅު ފަރާތްތަކާ މުލޭ ގުޅުން ބަދަހިކުރައްވާފައިވާ ކަމަށް ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވެފައިވެ އެވެ.

އެ އިންޓަވިއުގައި މޫސަ އިތުރަށް ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވި ދުވަހު ކަންތައްތައް ވަމުން ދިޔަ ގޮތް އިންޑިޔާ ސަރުކާރާ ހިއްސާ ކުރުމަށް އެތަކެއް ފަހަރު މަތިން މުލޭގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު މުލޭގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި 2011 އަހަރުން ފެށިގެން އިދިކޮޅު ޕާޓީތަކާ އެކު މުލޭ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ވެސް މޫސަ މޫސަ ތުހުމަތު ކުރައްވާފައިވެ އެވެ.

ވެރިކަން ބަދަލުކުރުމަށް ބަޣާވާތް ގެނައުމަށް 25 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރި ކަމަށާއި އެ ފައިސާ ހޭދަކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓް ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ވެސް ހިމެނޭ ކަމަށް މޫސަ ތުހުމަތުކުރައްވާފައިވެ އެވެ. މޫސަގެ ވާހަކައިގާ ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަރު މަސައްކަތް ކުރައްވާފައި ވަނީ ހައި ކޮމިޝަނަރެއެއްގެ ގޮތުގައި ނޫން ކަމަށާއި ވެރިކަން ވެއްޓުނު ދުވަހުގެ ދެ ދުވަސް ކުރިން ޕެރެޑައިސް ރިސޯޓުގައި "ބަޣާވާތުގެ ލީޑަރުންނާ" އެކު މުލޭ ބައްދަލު ކުރެއްވި ކަމަށް ރީކޯ މޫސަ ތުހުމަތު ކުރައްވާފައިވެ އެވެ.

މޫސަ ވިދާޅުވެފައި ވަނީ މުލޭއާ ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނާ ގާތް ގުޅުންތައް އޮންނަ ކަމަށާއި ބަޣާވާތަށް ޚަރަދުކުރި ފައިސާ ވެސް ރާއްޖެ އަށް ގެނަސްފައި ވަނީ އިންޑިއަން ހައިކޮމިޝަން މެދުވެރިކޮށް ޓްރަވެލާސް ޗެކްގެ ގޮތުގައި ކަމަށެވެ.

ފެބުރުއަރީ މަހު 7 ވަނަ ދުވަހު މުލޭ މަސައްކަތް ކުރެއްވީ އިދިކޮޅު ލީޑަރުންނާ އެކުގައި ބަޣާވާތަށް އެހީތެރިވުމަށް ކަމަށް ނަޝީދުގެ ޑިފެންސް އެޑްވައިޒަރު އަމީން ފައިސަލާ ހަވާލާދީ އޯޕަން މަޖައްލާގައި ބުނެފައިވެ އެވެ.

މުލޭއާ ބެހޭ ގޮތުން ނަޝީދުގެ ފަރާތުން ދައްކާފައިވާ އެ ވާހަކަތަކަށް ރައްދު ހޯދުމަށް އޯޕަން މަޖައްލާ އިން އިންޑިޔާގެ އެކްސްޓަނަލް އެފެއާޒާ ގުޅުމުން، ބުނެފައި ވަނީ މުލޭއާ ބެހޭ ގޮތުން އިންޑިޔާގެ ނޫސް މަޖައްލާތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ އެ ވާހަކަތައް ރަނގަޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް އެކްސްޓަނަލް އެފެއާސް މިނިސްޓްރީން ބުނި ކަމަށް އޯޕަން މަޖައްލާގައި ބުނެފައިވެ އެވެ. ނަމަވެސް ނަޝީދުގެ އެކުވެރިން ނަޝީދާ ހަވާލާދީ ދައްކަވާފައިވާ އެ ވާހަކަތަކުގެ ރެކޯޑިންގް އޯޕަން މަޖައްލާގައި އެބައޮތް ކަމަށާއި އެވާހަކަތައް ނަޝީދު ދޮގުކުރައްވާފައި ނުވާ ކަމަށް ވެސް އެ މަޖައްލާގައި ބުނެފައިވެ އެވެ.

ފެބުރުއަރީ މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށާއި އެ ބަޣާވާތް ގެނައި ކަމަށް ނަޝީދު ފުރަތަމަ ވިދާޅުވެފައި ވަނީ ނާއިބު ރައީސް އިސްވެ ހުންނަވައިގެން ކަމަށެވެ. އެއަށް ފަހު ވިދާޅުވެފައި ވަނީ "ބަޣާވާތް" ގެނައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން ކަމަށެވެ. މިހާރު ވިދާޅުވަނީ ބަޣާވާތުގެ އަޑީގައި ހުންނެވީ އިންޑިއަން ހައިކޮމިޝަނަރު ކަމަށެވެ.

މުލޭއާ ބެހޭ ގޮތުން އެމްޑީޕީގެ އިސް ލީޑަރުން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން މުލޭގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.