20 Aug 2023, 09:17
ސްކޫލު ދުވަސްވަރު ދިވެހި ބަހުގެ މާއްދާއަކީ ގާތްގަނޑަކަށް ދެ ގްރޫޕަކަށް ބެހިފައިވާ މާއްދާއެކެވެ. އެއް ބަޔަކު ލިޔާނީ މަޒުމޫނެވެ. އަނެއް ބަޔަކު ލިޔާނީ ވާހަކައެވެ. އޯލެވެލް އިމްތިހާނާ ހަމައަށް ދާއިރު މިއިން ކޮންމެ ވެސް އެއް ހުނަރެއް ހުރިހާ ދަރިވަރުން ވެސް ވަރުގަދަ ކުރާނެއެވެ. ވާހަކަ ލިޔާ ދަރިވަރުން އުޅޭނީ އެ ކުދިންނަށް އެންމެ ދަތިވާ ކަންތައް ރަނގަޅު ކުރާށެވެ. އެއީ ވާހަކަ ނިންމާނެ ގޮތެވެ.
އޯލެވެލްގެ ހަނދާނަކީ ގިނަ ޒުވާނުން އަދިވެސް ހުންނާނެ ކަމެކެވެ. ދިވެހި މާއްދާގެ ވާހަކައަކީ އަބަދު ވެސް ޒުވާނުން ޖޯކު ޖަހާ ކަމެކެވެ. ހާއްސަކޮށް ވާހަކަ ލިޔު ހަނދާންތައް ކިޔައިދޭއިރު އެތައް ބަޔަކު އަމިއްލަ ނަފުސަށް ވެސް ޖޯކު ޖަހައި ހަދައެވެ.
"ދިވެހި ހެދި އިރު ވާހަކަ ލިޔަން ވެސް އެހާ އުނދަގޫ، މަޒުމޫނު ވެސް އެހާ އުނދަގޫ. މަޒުމޫނު އެންމެ އުނދަގޫ ވަނީ އެ ފަށަން ނޭނގޭތީ. އެކަމު ވާހަކަ ލިޔާނަމަ އިންނާނެ ފެށުމެއް. އެހެންވީމާ ފަސޭހަވޭ،" އުމުރުން 25 އަހަރުގެ އިހްސާން އަސީލް ކިޔައިދިނެވެ.
އަސީލް ކިޔައިދިން ގޮތުގައި ވާހަކަ ލިޔަން ފަށަން ފަސޭހަވި ނަމަވެސް ގިނަ ފަހަރަށް އެކަށީގެންވާ ވަގުތު އެ ނިންމަން ނުލިބޭ ކަމަށެވެ. އަދި، ހަމަ އެއާ އެކު މަދު މިންވަރަކަށް ލިޔަން ޖެހޭތީ ވާހަކައިގެ ފެށުމުން ދޭހަކޮށްދޭ ކަންތައް ފޮޅުވަތްތަކުގެ ތެރެއިން ފުރިހަމަ ކުރަން ވަރަށް އުނދަގޫވެއެވެ.
ނަތީޖާއެއްގެ ގޮތުން ވާހަކަ ނިންމުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. ގިނަ ފަހަރަށް ވާހަކަ ނިންމާލަން ޖެހޭ ގޮތުން ވާހަކައިގެ ފެށުމާ ވެސް އެއްވެސް ގޮތަކަށް ދިމައެއް ނުވެއެވެ. އަދި، އެތައް ފަހަރަކު ވާހަކައިގެ ނިމުން ހުރިހާ އެންމެން ވެސް ހުންނަނީ އެއްގޮތަކަށެވެ.
"އެންމެ މަޖާ ކަމަކަށް ވަނީ ވާހަކަ ނިންމާލަން ވީމަ. ވާހަކަ ކުއްލިއަކަށް ކުރު ކޮށްލަން ޖެހޭނީ. ދެން ހަދާ ގޮތަކީ ވާހަކައިގެ ކުރީގައި އޮތް ހުރިހާ ބައެއް ހުވަފެނަކަށް ހަދާލަން ޖެހެނީ. ނޫނީ ބޮޑު ހިޔާލަކަށް ހަދާލަން ޖެހެނީ،" ވާހަކަ ނިންމާ ގޮތް ކިޔައިދެމުން ސުޒާނާ އަލީ، 26، ބުންޏެވެ.
ވާހަކަ ލިޔެ އުޅުނު ގިނަ ކުދިން ކައިރީގައި ވާހަކަ ނިންމާ ގޮތް އަހާލުމުން ހަމަ ދޭނީ މި ޖަވާބެވެ. ވާހަކައިގެ މައިގަނޑު ކެރެކްޓަރު ކޮންމެ ވެސް ފުން ހިޔާލަކުން ތެދުވެ ދުނިޔެއަށް ކަޅިއެއް ހިންގާލައި ދުވަހައިގެން ކުރިއަށް ދާނީއެވެ. ނުވަތަ އަތިރިމަތީގައި އިނދެ ހިޔާލީ ދުނިޔެއިން ތެދުވާނީއެވެ. ނުވަތަ ދިގު ހުވަފެނަކުން ހޭލާނީއެވެ. މިހާވަރުން ނުވެއްޖެ ނަމަ ކުއްލި ގޮތަކަށް ކެރެކްޓަރު މަރާލާނީއެވެ.
މިއީ ގިނަ ބަޔަކު ހަނދާން ވާ ގޮތުގައި ވާހަކަ ނިންމާލާ ގޮތެވެ. މިއިން ތަފާތު ގޮތަކަށް ވާހަކަ ލިޔެ ނިންމާލިން ހެއްޔެވެ؟ އެހެން ވާނަމަ ވާހަކަ ނިންމާލީ ކިހިނެއް ހެއްޔެވެ؟