20 Aug 2023, 09:06
ރޯވެ، ހަލާކު ވެފައިވާ އެތައް އަހަރެއްވީ ކާރެއްގެ ދަގަނޑު ޝީޓުގަނޑުތައް 1.9 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.
މަޝްހޫރު ނީލަން ކުންފުނި ސަދަބީސްއިން ކެލިފޯނިއާގައި މިދިޔަ ހަފުތާ ކުރިއަށް ގެންދިޔަ އިވެންޓުގައި ވިއްކާލާފައިވާ ޝީޓުތަކަކީ އެއް އިރެއްގެ ފެރާރީ ރޭސް ކާރެކެވެ. ނަމަވެސް މިހާ އަގު ބޮޑުކޮށް ބާ ދަގަނޑުގަނޑުތަކެއް ވިކިފައިވަނީ މި ކާރާއި ރޭސިން ތާރީހާ އޮތް ގުޅުމުގެ ސަބަބުންނެވެ.
ހަލާކުވެ ގޮތްގޮތް ވެފައިވާ ކާރުގެ ބޭރު ތޮށިގަނޑަކީ 1954ގެ ފެރާރީ މޮންޑެއިލް ސީރީޒް އެކެއްގެ ކާރެކެވެ. މުޅި ތާރީހުގައި ވެސް މި މޮޑެލް ސީރީޒްގެ އުފައްދާފައިވަނީ އެންމެ 13 ކާރެވެ.ރޭސް ޖެހުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ކާރު ގަތުމަށް ފަހު ވެސް ކަސްޓަމް ބޮޑެތި ބަދަލުތައް ވަނީ ގެނެސްފައެވެ.
ފެރާރީ މޮންޑެއިލްގެ މި ކާރު 1954 ވަނަ އަހަރުގައި ދުއްވާފައިވަނީ ރޭސް ޖެހުންތެރިއެއް ކަމަށްވާ ފްރެންކޯ ކޯޓީޒް އެވެ. މީގެ ދެ އަހަރު ފަހުން ފްރެންކޯ ވަނީ ރޭސިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ފެރާރީގެ ތާރީހުގައި އެ ބްރޭންޑުގެ ކާރެއް ބޭނުންކޮށްގެން ރޭސް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ވިންޓެޖް ކާރުތަކުގެ ތާރީހުތައް ބަލަހައްޓައި އެއްކުރުމުގެ މަސައްކަތް ކުރާ ހެގަޓީގެ އޮޓޮމޯޓިވް އިންޓެލިޖެންސް ނައިބު ބްރާޔަން ރަބޯލްޑް ފާހަގަކުރާ ގޮތުގައި ނީލަމަށް އެ ކާރު ގާތްގަނޑަކަށް ދެ މިލިއަނަށް މީހަކު ގަތުމަކީ ގެއްލުމެއް ނޫނެވެ.
އެއާއެކު ކާރު އަލުން ފަރުމާކޮށް މާކެޓަށް ލައިފި ނަމަ އެތައް ގުނައަކުން ކާރު ވިއްކާލެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
ވިންޓޭޖު ކާރުތަކަށް އޮންނަ ޑިމާންޑަކީ އަބަދުވެސް މަހުޖަނުންގެ މެދުގައި ބޮޑު ޝަރަފެކެވެ. އެގޮތުން މީގެކުރިން ސަދަބީސް އިން ވަނީ 48 މިލިއަން ޑޮލަރަށް ފެރާރީގެ ވިންޓޭޖް ކާރެއް ވިއްކާލާފައެވެ. މި އަގާ ގާތް ކުރާ އަގެއްގައި އެ ކާރުވެސް ވިއްކާލެވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ރަބޯލްޑް ގަބޫލު ކުރެެއެވެ.