19 Aug 2023, 21:15
އިދިކޮޅު ޕީޕީއެމް, ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކ. ގުރައިދުއަށް ވަޑައިގެންނެވި ވަގުތު އެ ރަށުގައިި މުޒާހަރާ ކުރަން ތިބި ބައެއްްގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
އެ ރަށުގައި ހުރި "ސަން"ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި، އެއްވުން ހޫނުވެ، މާރާމާރީއަކަށް ބަދަލުވެ މީހެއްގެ ބޯފަޅައިގެން ގޮސް ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ.
ބޯފަޅައިގެން ދިޔައީ ޕީޕީއެމް ސަޕޯޓަރެއްގެކަމަށް މައުލޫމާތު ލިބެއެވެ.
މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 17:30ގައެވެ. ނަމަވެސް، ވ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ނިމި ކޮންމެ ވެސް ވަރަަކަށް ލަސްވިއެވެ.
މުއިއްޒު ވަޑައިގަންނަވާތީ ބަނދަރަށް ނުކުތް އެމްޑީޕީގެ ސަޕޯޓަރުން ފުރަތަމަ ދިޔައީ މުއިއްޒުގެ އަނބިކަނބަލުން ވަޑައިގެންނެވި ލޯންޗު ކައިރިއަށެވެ.
މި ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އެ މީހުންނަށް ހީވެފައި އޮތީ އެއީ މުއިއްޒު ވެސް ދަތުރުކުރައްވާ ލޯންޗުކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.
މުއިއްޒާ ދެކޮޅަށް އެ ރަށުގައި އިހުތިޖާޖުކުރި ނަމަވެސް އޭނާއަށް މަރުހަބާ ކިޔުމަށް ޓަކައި ވެސް އެ ރަށުގައި އޭނާއަށް ތާއީދުކުރާ ގިނަ އާންމު ރައްޔިތުންތަކެއް އެއްވެ ތިއްބެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ރަށްރަަށަށް ކެމްޕޭނަށް ވަޑައިގަންނަވާ ދަތުރުފުޅުތަކާ ދިމާކޮށް ވެސް އިދިކޮޅު ޕީޕީއެމުން ރަށްތަކުގައި އިހުތިޖާޖުކޮށް އަޑުގަދަކުރުމުގެ ކަންކަން ހިނގައެވެ.
އެގޮތުން ގދ. ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅު ތެޔޮ ޖަހައި ގެއްލުން ދިން އިރު ގދ. މަޑަވެލީ އެމްޑީޕީގެ ޖަގަހަ ވަނީ ރޯ ވެސް ކޮށްލައިފައެވެ.