19 Aug 2023, 21:20
ވ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުދިއުމަށް ޓަކައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ޑރ. މުއިއްޒު ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުގައި މިއަދު ވަނީ ވ. އަތޮޅުގެ ހަތަރު ރަަށަކަށް ވަޑައިގެންފައެވެ. އެއީ ކެޔޮދޫ، ފުލިދޫ، ފެލިދޫ އަދި ތިނަދުއެވެ.
މިއަދު ފުލިދުއަށް ވަަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެދުނު އެއް އެދުމަކީ މި އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދައިދިނުން ކަމަށެވެ.
"މި އަތޮޅުގެ، ހާއްސަކޮށް ޓޫރިޒަމްގެ މަސައްކަތް ކުރާ ރަށްތަކަށް ވަރަށް މުހިންމު އެ ކަން ކުރެވެން. އަޅުގަނޑު ހިތުން ހުރިހާ ރަށެއްގައި ވެސް ކުރޭ. އެހެންވީމަ މި އަތޮޅުގައި އެންމެ އެކަށީގެންވާ ލޮކޭޝަނެއްގައި، ފަޅެއްގައި ސަރުކާރުން ޕްލޭންކޮށްގެން ޕިކްނިކް އައިލެންޑެއް ތަރައްގީކޮށް ރައްޔިތުންނާހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ފުލިދޫ މީހުންނާ ބައްދަލުކުރަނީ --
އެ ކަމުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާއާއި މުޅި އިގްތިސޯދު ކުރިއަރާނެކަމަށާއި ރައްޔިތުންނަށް ވެސް ކުރިއެރުން ލިބޭނެކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "ވިން-ވިން" އެކެވެ.
މީގެ އިތުރުން، ފުލިދޫގައި ބަނދަރެއް ހަދައިދޭނެ ކަމަށާއި އެއީ ޓޫރިޒަމްގެ ސިނާއަތް ކުރިއަރައިފައި އޮތް ފުލިދުއަށް މުހިންމުކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އިސްކަންދޭން ޖެހޭނެ އެ ސިނާއަތަށް ފަސޭހަކަން ލިބޭނެ، ރައްޔިތުންނަށް ފަސޭހަކަން ލިބޭނެ، ކުރިއެރުން ލިބޭނެ ވަސީލަތްތައް ގާއިމުކޮށްދޭން،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ރަށުގައި ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދީ ފުޓުބޯޅަދަނޑާއި ވޮލީ ކޯޓެއް ހަދައިދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަމަޖައްސައި ނުދީގެން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް މިދިޔަ އަހަރު މި ރަށުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.
މުޒާހަރާކޮށް އެ އަތޮޅުގެ ރައްޔިތުން ގޮވައިލީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮތް ވ. ހުޅިދޫ ނުވަތަ ޓޫރިޒަމަށް ދޫކޮށްފައިވާ ވ. ހުޅިދޫ އަނބުރާ ދިނުމަށެވެ.
ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.