08 May 2012, 13:47
ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުންތައް ފޫބެދި ޓޫރިސްޓުން އަނަން އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ ފެބްރުއަރީ އާއި މާޗުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔައަސް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ ބާރު ސްޕީޓްގައި ޓޫރިޒަމް ރިކަވާވަމުން އަންނަ ކަމަށެވެ.
"މިދިޔަ މަހުގެ އެރައިވަލް އެ ގޮތަށް ހުރުމުން ވަރަށް ހަލުވިމިނެއްގައި ޓޫރިޒަމް ރިކަވާ ވަމުން އަންނަ ކަން އެބަ އެނގޭ. މިދިޔަ އަހަރުގެ އެޕްރީލް އާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނެތް މި އެޕްރީލްގައި، އެހެރީ ޓޫރިސްޓުން އައި މިންވަރު އިތުރުވެފައި، އެހެންވީމަ ރިކަވަރީ ވަރަށް ރަނގަޅު،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
ވިދާޅުވީ އޭނާ މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އިރު ޓޫރިޒަމްގެ ހާލަތު ދަށްކޮށް އޮތް ނަމަވެސް އާންމު ހާލަތަކަށް ޓޫރިޒަމް ގެނެވުނީ މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތާއި ޕީއާރް ފާމްތަކަށް ކުރެވުނު ހަރަދުގެ ސަބަބުން ކަމަށެވެ. އަދި ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ ބޭރުން ހުރި ކަންކަން ހަމަ މަގަށް އެޅުވިފައިވާ ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޗައިނާ އަށް ގޮސް، ޔޫކޭ އަދި ޖާމަނީއަށް ގޮސް ޓްރެވަލް ބޭން ހުރި ތަންތަނުން އެކަންތައްތައް ވެސް ފިލުވާ، މިފަދަ ކަންކަން ކުރެވުނު، އަދި ޗައިނާއަށް ގޮސްފައި އަޅުގަނޑުމެން ވަރަށް ބުރަކޮށް އުޅެގެން އަލުން ޗާޓާ ފްލައިޓްތަކާ އެއްޗިހި އެހެރީ ފަށާފައި، މިއީ އޭގެ ސަބަބަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓްތަރައްގީ ކުރާ ރަށްރަށުގައި އިމާރާތް ކުރުމުގެ ކެޕޭސިޓީ އިތުރުކުރީ ޓޫރިޒަމްގެ މާސްޓާ ޕްލޭނާ އެއްގޮތަށް އެނދު އިތުރު ކުރުމަށް ފުރުސަތު ދިނުމަށް ކަމަށާއި އޭގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީން ލިބޭ ނަފާ ވެސް އިތުރުވާނެ ކަމަށެވެ. އަދި ޓޫރިޒަމްގެ މާސްޓާ ޕްލޭން ވެސް ކުރިއަށް ހުރި އަހަރުތަކަށް ވިސްނައިގެން އިތުރަށް ތަރައްގީކުރަން ވިސްނާފައިވާ ކަމަށާއި އެ މަސައްކަތްތަކުގައި މިނިސްޓްރީގެ ޓީމްގެ ހިއްސާ ބޮޑު ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ރަނގަޅު، ތަރައްގީ ސވިލްސާވިސްގެ ޓީމެއް މި އޮތީ، އެ ޓީމްގެ އެއްބާރުލުމާއި މަސައްކަތުން ކުރިއަށް މިދެވެނީ، މި ރިކަވަރީއެއް މި ގެނެވުނީ،" އަދީބު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރަން ފެށީ ފެބުރުއަރީ ހަތެއްގައި ވެރިކަން ވެއްޓުމާއެކު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަން ދުނިޔޭގެ މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދަން ފެށުމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަަން ދުނިޔޭގައި މިއަހަރު ހިންގި ހަރަކާތްތަކާއެކު ޓޫރިޒަމްގެ ހާލަތު އިތުރަށް ގޯސްވި އެވެ. އެގޮތުން މި އަހަރުގެ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.3 ޕަސެންޓް ދަށަށް ގޮސްފަ އެވެ.