ކ. ގުރައިދޫން، ޢާލިމް އަބްދުއްލަތީފް

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދުއަށް ވަޑައިގަންނަވާތީ މިއަދު ހަވީރު މި ރަށުގެ ބަނދަރަށް ވާދަވެރި އެމްޑީޕީގެ ސަޕޯޓަރުން އެއްވިއެވެ.

މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ 17:30ގައެވެ. ނަމަވެސް، ވ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ނިމި ކޮންމެވެސް ވަރަަކަށް ލަސްވިއެވެ.

މުއިއްޒު ވަޑައިގަންނަވާތީ ބަނދަރަށް ނުކުތް އެމްޑީޕީގެ ސަޕޯޓަރުން ފުރަތަމަ ދިޔައީ މުއިއްޒުގެ އަނބިކަނބަލުން ވަޑައިގެންނެވި ލޯންޗު ކައިރިއަށެވެ. މި ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އެ މީހުންނަށް ހީވެފައި އޮތީ އެއީ މުއިއްޒު ވެސް ދަތުރުކުރައްވާ ލޯންޗެވެ.

އެ ވަގުތު އެ ލޯންޗު ކައިރިއަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވުމުން ބޮޑު ހަމަނުޖެހުމެއް އުފެދުނެވެ. މި ތަނުގައި އެ ވަގުތު ތިބި ބައެއް ނޫސްވެރިން ކިޔައިދިން ގޮތުގައި ހަމަނުޖެހުމުގައި ޕީޕީއެމްގެ މީހެއްގެ ބޯ ވެސް ފަޅައިލިއެެވެ.

މުއިއްޒާއެކު ދަތުރުކުރި މީޑިއާ ޓީމަށް މި ރަށަށް އާދެވުނީ އެ ހަމަނުޖެހުންތައް ނިމުނު ފަހުންނެވެ. ގާތްގަނޑަކަށް 18:30 ހާއިރުއެވެ. އޭރު ވެސް އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ ހަޅޭއްލަވައި މުއިއްޒަށް ނިސްބަތްކޮށް އެކި އެއްޗެހި ގޮވަމުންނެވެ.

ރައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން ވެސް އަޑު އުުފުލަމުން ދިޔައެވެ.

މުއިއްޒު ދަތުރުކުރައްވާ ލޯންޗު ވަޑައިގެންނެވިއިރު، ޕީޕީއެމްގެ ސަޕޯޓަރުން އޮތީ ބަނދަރު ފުރައިލައިފައެވެ. ވަރަށް ގިނަ އަދަދެެއްގެ މީހުން މުއިއްޒަށް މަރުހަބާ ދެންނެވުމަށް ނުކުމެފައި އޮތެވެ.

މުއިއްޒާ ދެކޮޅަށް މުޒާހަރާ ކުރަން އެމްޑީޕީގެ މީހުން ނުކުމެފައި --

"މިއަދު އަހަރެމެންގެ ސައިޒު އެ މީހުންނަށް ދައްކާލާނަން. މި ރަށުން ޕީޕީއެމްއަށް އޮތް ސަޕޯޓާ އަރާ ހަމަ ވެސް ނުކުރެވޭނެ،" މި ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"މިއަދު ފެންނާނެ މުއިއްޒަށް އޮތް ތާއީދު. އެމްޑީޕީއަކަށް މި ރަށަކު ނޯންނާނެ މާ ބޮޑު ތާއީދެއް،"

އިދިކޮޅުން އެ ވަގުތު ބަނދަރަށް ނުކުތުމުން ޕީޕީއެމްގެ ސަޕޯޓަރުންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އިތުރު ޖޯޝެކެވެ.

މިއީ މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެށި ފަހުން، އޭނާއަށް ރަށަކުން ކީ އެންމެ ހޫނު އެއް މަރުހަބާއެެވެ.

"ގެންދާނީ އެއްބުރުން، ގެންދާނީ އެއްބުރުން،" މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބޮޑުބެރު ޖަހަމުން ގުރައިދޫގެ ސަޕޯޓަރުން އެއްއަޑަކުން ގޮވަމުން ދިޔައެވެ.

ސަޕޯޓަރުންނާ ސަލާންކުރައްވައި ވަޑައިގެންނެވިއިރު، އިިދިކޮޅު އެމްޑީޕީން ނުކުތް މީހުންގެ ތެރެއިން ތިބީ މަދު ބައެކެވެ.