19 Aug 2023, 19:22
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހަމަލާދީފިއެވެ.
މިކަމާ ގުޅިގެން ކުރި ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ، މިއަދު މާލޭގައި އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔަ ރޯޑް ރެލީގައި އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލާ އޭނާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ، އޭނާއާ ދިމާލަށް ދަގަނޑު އެއްޗެއް އެއްލި މީހާއަކީ މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި އެވަގުތު އޭނާ އެތަނުން ފިލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ސެކިއުރިޓީގެ ގޮތުގައި ތިބި ސިފައިން ވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާކުރައްވާފައެވެ.
މި ހާދިސާގައި އުމަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އުމަރު ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ރެލީތައް ބާއްވަމުންނެވެ.