19 Aug 2023, 20:29
ޤުރުއާން ކިޔެވުމާއެކު ޤުރުއާނުގެ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
ފައިސަލް މިކަމަށް އެދިވަޑައިގަތީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި "މަޙްފަލުލްޤުރްއާނީ 1445" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ޤުރުއާން އުގަންނައިދީ ޤުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުން މިއީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދުކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވަގުތު ހޯދައިގެން ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް ދަސްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސުކޫލްތަކުގައި ޤުރުއާން ކިޔަވައިދިނުމުގައި މިހާރު ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް "މަޙްފަލުލްޤުރްއާނީ 1445"ގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.
މަޙްފަލުލްޤުރްއާނީ 1445" އަކީ ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ޤުރްއާނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ބޭފުޅުންނަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ ތިން ވަނަ ޤުރުއާން މަޙްފަލެވެ.
މި މަޙްފަލުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ޤާރީން ކިޔަވާފައިވެއެވެ.
މި މަޙްފަލުގެ މައިގަނޑު މަގުސަދަކީ ކީރިތި ޤުރްއާން ކިޔެވުމުގައި ބޭނުންކުރާ މަޤާމާތުތަކަށް އަހުލުވެރިކުރުވުމާއި އަޑު ގެންގުޅޭނެ ގޮތުގެ ހުނަރުތައް ލިބިދިނުމެވެ.
މީގެ އިތުރުން މި މަޙްފަލުގެ ތެރެއިން، ޤުރުއާން ޓީޗަރުންނަށް ޚާއްސަކޮށްގެން ރާއްޖޭގެ ސުކޫލްތަކުގައި ޤުރުއާނުގެ މުޤައްރަރު ކިޔަވައިދިނުމަށް ހުރި ގޮންޖެހުތަކާ އެކަމުގެ ހައްލުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ވެސް ގެންދެވޭނެއެވެ.