(ވ. ފެލިދޫއިން ޢާލިމް އަބްދުއްލަތީފް)

ވ. ފެލިދޫގެ ރައްޔިތުން އެދޭ ގޮތަށް މި ރަށުގެ ބިން ހިއްކައިދީ އެ ބިމުގައި ތަރައްގީގެ އެކި މަޝްރޫތައް ހިންގަވައިދެެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފެލިދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން މި ރަށުގެ ގިނަ ކަންތައްތަކަކަށް އިހުމާލުވެފައިވާ ކަމަށެވެ. އެ ކަންކަން ރައްޔިތުން އެދޭ ގޮތަށް ބައްޓަންކޮށްދީ ކުރިއަށް ގެންދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށް ވެސް ޚިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނެތި، އެއީ ކުރީ ސަރުކާރޭ ކިޔާފައި ދޫކޮށެއް ނުލާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ރަށުގެ ކުރިއެރުމަށް ޓަަކައި އެންމެ ފުރަތަމަ މުހިންމީ ބިން އިތުރުކުރުމުގެ މަޝްރޫއެއް ކަމަށެވެ. އެ ބިން އިތުރުކޮށްގެން ނޫނީ ގެދޮރުވެރިކަމުގެ މަޝްރޫތަކާއި ކުޅިވަރުކުޅޭނެ ނިޒާމުތައް ގާއިމުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިދޫގައި ޑރ. މުއިއްޒު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ --

އެހެންކަމުން، މި ރަށުގެ ފަޅުތެރޭގައި ޖާގަ އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ރަށުގެ ބިން އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ މި ރަށުގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މި ރަށުގައި ބިންހިއްކާ މި ރަށު ރައްޔިތުން އެދޭ ގޮތަށް، ކުޅިވަރު ފެސިލިޓީތަކާއި ގެދޮރުވެރިކަމުގެ މަޝްރޫތައް ހިންގަވައިދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ރަށްގިރުމާއި ކުނިމެނޭޖްކުރުން މި ހުންނަނީ އަސާސީ ކަންކަން. ޕޯޑިއަމެއް ކައިރިއަށް އައިސް ސިޔާސީ ގޮތުން ވައުދުވާން ޖެހޭ ކަންކަން ކަމަކަށް ނުދެކެން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ ސިއްހީ ނިޒާމު ވެސް ރަނގަޅުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.