08 May 2012, 13:47
މިދިއަ މާޗް މަހުގެ ފުރަތަމަ ދުވަހު ރިޔާސީ ބަޔާން އިއްވިޔަ ނުދޭން މާލޭގައި އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިންތެޅި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ 10 މީހެއްގެ މައްޗަށް ދެ ފުލުހަކު ތަފާތުކޮށް ހެކިބަސް ދީފި އެވެ.
މާޗް މަހުގެ ފުރަތަމަ ދުވަހު އަލިކިލެގެ ފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ކުރި މުޒާހަރާގައި އެ ސަރަހައްދުގައި ތިބި ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިން ތެޅި ކަމުގެ ތުހުމަތުގައި ދައުވާލިބޭ 10 މީހުންގެ މައްޗަށް ދެ ފުލުހަކު މިއަދު ހެކިބަސް ދިނީ ފާޅުގަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުވާކުރުމަށް ފަހު ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނީ ދައުވާލިބޭ 10 މީހުންގެ ތެރެއިން ފަސް މީހަކު ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިން ތެޅިތަން ދުށް ކަމަށެވެ. އަދި އަނެއް ފަސް މީހުން އެފަދަ ކަމެއް ކުރިތަން ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ދެވަނައަށް ހެކިބަސް ދިން ފުލުސް މީހާ ފުރަތަމަ ބުނީ ޝަރީއަތަށް ހާޒިރުކުރެވިފައި ތިބި 10 މީހުންނަކީ ވެސް ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާ ފައިން ތަޅައި ހަދާފައިވާތީ ހައްޔަރުކުރި ބައެއް ކަމަށެވެ.
ނަމަވެސް ދައުވާ ލިބޭ މީހުންގެ ވަކީލުން އޭނާއާ ވަކިވަކިން ސުވާލުކުރުމުން އޭނާ ބުނީ ދައުވާ ލިބޭ ވ. ފަންސި، އަހުމަދު ފަހީމާއި އދ. ދަނގެތި، ޖަންބުމާގޭ އަހުމަދު އާހިދު ފުލުހުންގެ ޝީލްޑުތަކުގައި ޖެހިތަން ނުދެކޭ ކަމަށެވެ. އަދި ބުނީ ދައުވާލިބޭ މީހުން ހައްޔަރުކުރި އިރު ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާއާއި އޭނައާ ދެމީހުން ވެސް ތިބީ އެކުގައި ކަަމަށެވެ.
އޭނާ ބުނީ އެމީހުން ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާ ފައިން ތަޅާފައި ވަނީ މި ސަރުކާރަކީ ބާޢީ ސަރުކާރެއްކަމަށް ގޮވާއި އަދި ފުލުހުންނާއި ދިމާލަށް "މަނީމަނީ ޔޭސް ސާ" ކިޔައި އަޑުގަދަ ކުރުމަށް ފަހު ކަމަށެވެ.
އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މުޒާހަރާގައި ޝުއޫރު ފާޅުކުރުމަކުން އޭގެ މައްޗަށް ބަލައި ހުކުމް ނުކުރެވޭނެ ކަމަށާއި ހުކުމް ކުރަންވާނީ ދައުވާގައި ބުނާކަންތައް ދައުވާލިބޭ މީހުން ކުރިކަމަށް ހެކީންގެ ހެކިބަހުން ސާބިތުވާނަމަ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވެސް އެ މައްސަލައިގައި ދައުވާލިބޭ މީހުންގެ ތެރެއިން ކޯޓަށް ހާޒިރު ނުކުރެވިވާ މއ. ފޯޗިއުން، މުހައްމަދު އަލީ ރަޝީދާއި ހއ. ދިއްދޫ އޯޓަމްވާދީ، އުބައިދުﷲ ސައީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ ފުލުހުންނަށް އަދި އެ ދެމީހުން ހައްޔަރުކުރެވިފައި ނުވާކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދައުވާ ލިބޭ ބައެއް މީހުންގެ މައްޗަށް ހެކިބަސް ނަގައި މިއަދު ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކިބަސް ނަގައި ނުނިމޭ މީހުންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ކްލިޕްތައް ދައުވާ ލިބޭ އެންމެންގެ ހާޒިރުގައި ދެއްކުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ޖުމްލަ 23 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރެއެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުންނެވެ.