19 Aug 2023, 14:34
ރައްޔިތުން އެދޭނަމަ، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކޮށް، އެއްފަސްކުރުމަކީ އޭނާގެ ސަރުކާރެއްގައި އިޖާބަދެއްވާނެ ކަމެއް ކަމަށް، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ، ވ. ތިނަދޫގައި މިއަދު ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި އިގުތިސާދެއް ގާއިމުކުރުމަށް، އެކަށީގެންވާ ވަރެއްގެ އާބާދީއެއް މުހިއްމު ކަމަށެވެ.
އެހެންކަމުން، ރައްޔިތުން އެގޮތަށް އެދޭނަމަ، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކޮށް، އާބާދީ އެއްފަސްކުރުމަކީ އެއީ ރައްޔިތުން ބޭނުންވާ ކަމެއް ނަމަ، އެކަމަށް އިޖާބަދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުމީ ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުން އެއީ އަޅުގަނޑުމެންގެ ވިސްނުމަކަށް ވާނޭ. ރައްޔިތުން އެދޭނަމަ، އެއް ރަށުން އަނެއް ރަށަށް އާބާދީ އެއްފަސް ކުރުމަކީ އަޅުގަނޑުމެން އިޖާބަދޭނެ ކަމެކޭ ކޮންމެ ރަށެއްގައި ކަމުގައި ވީނަމަވެސް"
"އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންނުވާ ގޮތް ކަމުގައި ވާނަމަ، މަޖުބޫރުން އެކަން ކުރުވުމަކީ އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން," މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކިތަންމެ ކުޑަ އަދި ތޮއްޖެހިފައިވާ ރަށެއްގައި މީހުން ދިރިއުޅެން ބޭނުންވިޔަސް އެކަން އެގޮތަށް ފަހިކޮށްދިނުމަކީ އަދުލުވެރި އިންސާފުވެރި ސަރުކާރެއްގައި އެކަން ކޮށްގެން ވާނޭ ގޮތް ކަމަށެވެ.
އެހެންކަމުން ރަށުގެ ތަރައްގީއަށް ކުރަން ބޭނުންވާ ކަންކަން ވެސް ހާސިލުވަމުން ދާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.