އިންޑިއާގެ އިތުރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަމަޅަ އެކްޓަރު ރަޖިނީ ކާންތުގެ ފިލްމު "ޖެއިލާ" ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑްތަކެއް މުގުރާލައިފިއެވެ.

މިމަހުގެ 10ގައި ފިލްމު ރިލީޒްކުރިތާ ހަފުތާއެއްގެތެރޭ ބޮޑު ކާމިޔާބީއެއް ބޮކްސްއޮފީހުގައި ފިލްމަށް ލިބިފައިވާއިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދުވަނީ 398އާއި 470.17 ކްރޯޑް ރުޕީސްއާ ދެމެދަށް އަރާފައެވެ.

އިންޑިއާގެ ބައެއް ފިލްމުތަކުން 400ކްރޯޑް ރުޕީސް ފިލްމަކަށް ލިބޭނީ ރިލީޒްކުރާތާ ދެ ތިން ހަފްތާފަހުންނެވެ. ފިލްމަށް ލިބުނު ޖުމްލަ ޢަދަދު 470 ކްރޯޑް ރުޕީސްއަށް އަރާފައިވާއިރު މިފިލްމު އުފައްދާފައިވަނީ 200އާއި 240 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.

ރަޖިނީކާންތު ލީޑް ރޯލް ކުޅެފައިވާ މިފިލްމަކީ، ތަމަޅަ ޑައިރެކްޓަރު ނެލްސަން ދިލިޕްކުމާރުގެ ފިލްމެކެވެ. ފިލްމު "ޖެއިލާ"ވެފައިވަނީ މިހާތަނަށް އެއް ހަފުތާތެރޭގައި 100ކްރޯޑް ރުޕީސް ބޮކްސް އޮފީހުގައި ހޯދި ފިލްމުގެ މަގާމު އަތުލާފައެވެ. ކުރިން މި މަގާމުގައި އޮތީ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނީޔިން ސެލްވަން"އެވެ.

އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގައިވެސް ރަޖިނީކާންތުގެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫކޭގެ މާކެޓުގައި ފިލްމު އަދިވެސްއޮތީ އެއްވަނަ މަގާމުގައެވެ. ފިލްމު އެނަލިސްޓުން ލަފާކުރާގޮތުގައި "ޖެއިލާ"އަށް 600 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުން ގާތެވެ.

ރާޖިނީކާންތުގެ ވަރުގަދަ ތަޅާފޮޅުންތަކެއް ފެންނަ މިފިލްމުގައި އެކްޓަރާއެކު ބަތަލާ ތަމަންނާ ބާޓިއާވެސް ވަރަށް މުހިއްމު ރޯލްއަކުން ފެންނާނެއެވެ. ސިނަމާތަކުގައި ފިލްމު ދެއްކުމަށްފަހު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފިލްމު ސްޓްރީމްކުރެވޭނީ ސެޕްޓެމްބަރު މަހުތެރޭކަމަށް ބެލެވެއެވެ.

ފިލްމު "ޖެއިލާ"އަށްފަހު އިތުރު ތަމަޅަ ފިލްމަކުން 72އަހަރު ރަޖިނީކާންތު މިއަހަރު ފެންނާނެއެވެ.