ލޯ ކުރިމަތީ ދަރީން ބޮޑެތިވެ ކާފަ ކިޔައިފިއެވެ. އުމުރުން 60ގެ އަހަރުތައް މިހާރު ގުނަމުން ދާއިރު އެތައް އުފަލަކާއި ހިތާމައެއް ތަހަންމަލް ކޮށްފިއެވެ. ނަމަވެސް ފުރަ މާލެއަށް އުފަން އަބްދުލް ލަތީފްގެ އެ ހިތަކަށް އަދިވެސް ހަމަޖެހުމެއް ނުލިބެއެވެ. އެ ހަޔާތުގައި ކިތަންމެ ކަމެއް ބަދަލު ވެއްޖެއެވެ. މިހާރު ބަދަލު ނުވަނީ ހަމައެކަނި އޭނާ އާއި ދަރީންގެ ދިރިއުޅުމުގެ ހާލަތެވެ.

ރޭ ގަލޮޅު ދަނޑުން ނުކުމެގެން ދިޔަ ލަތީފްގެ ލޮލުން ބެބުޅީ އުފާވެރިކަމުގެ ކަރުނައެވެ. އެއީ 60 އަހަރު އަމިއްލަ ރަށުގައި ހިންދެމި ނުލާ ނޭވާ ހިފައްޓައިގެން އުޅެންޖެހުނު ދަތި ހާލުން މިއަދު މިންޖުވުމުން އިހުސާސް ކުރެވޭ އުފާވެރިކަމެވެ. ދިރިއުޅުމުގައި އަބަދުވެސް ނުފިލާވާ އެ ނުތަނަވަސްކަން ފިލުމުން ކުރެވުނު އިހުސާސެވެ. އުފަން ބިމުގައި ދެން އަމިއްލަ ދަރިން މަގުމަތި ނުވާނޭކަން ކަށަވަރު ކުރެވުމުން ލިބުނު ހިތްހަމަޖެހުމެވެ.

ލަތީފް މިއަދު ވެސް އެ ދިރިއުޅެނީ އޭނާ އުފަންވެ އުޅެ ބޮޑުވި ގޭގައެވެ. އެއީ ބޮޑު ގޯއްޗެކެވެ. ލަތީފާއި އޭނާގެ އާއިލާގެ ގަނޑުވަރެވެ. މާލޭގައި އޭރު ބޯހިޔާވަހިކަމުގެ މައްސަލައެއް ނެތެވެ. އަދި މިކަން ތަހައްމަލް ކުރަން ޖެހޭނެއޭ އޭރު ލަތީފްގެ ހިތައް ވެސް ނާރައެވެ.

ގޯތީގެ ގުރު ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

"ގާތްގަނޑަކަށް 2000 އަކަފޫޓުގެ ގޯއްޗެއް އެއީ. އަހަރެންގެ އާއިލާ އުޅޭނީ އިތުރު ބަޔަކު ވެސް ނޫޅޭނެ އެ ގެއަކު،" މައިންބަފައިންނާ އެކު އުޅުނު ހަމަޖެހޭ އުފާވެރި ދިރިއުޅުން ހަނދާން ކުރަމުން ލަތީފް ބުންނެވެ.

ނަމަވެސް ކައިވެންޏެއްކޮށް ދަރިން ލިބުމުން އެ ދިރިއުޅުން ބަދަލުވެ ބޯމަތިވީ އަނދިރިކަމެވެ. މާޔޫސްކަމާ ނުތަނަވަސްކަން އޭނާ ވަށާލީ ހަޔާތުގެ އެހިސާބުންނެވެ. މައިންބަފައިންގެ ގޯތި ބައިކުރުމުން އޭނާއަށް އުޅެން ލިބުނު ކުޑަ ތަންކޮޅުގައި ތިން ދަރިންނާއެކު ދިރިއުޅުން ވީ ހީކުރިވަރަށް ވުރެ ދަތި ކަމަކަށެވެ.

"ތިން ދަރިންނާ ކާފަ ދަރިން ދިރިއުޅެމުން މި ދިޔައީ ވަރަށް ކުޑަ ޖާގައެއްގަ. މިހާރު ކުދިން ތަންތަން ކުއްޔަށް ހިފައިގެން އުޅެނީ ބޭރުގަ، ތަނެއް ނެތީމަ. އަޅުގަނޑުމެން އެންމެން ވެސް އެކަމަށް އެދި އާދޭސް ކުރަމުން ދިޔައީ،" ލަތީފް ބުންޏެވެ.

ގޯތީގެ ގުރު ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

މިއަދު ތިން ދަރީންގެ ތެރެއިން ދެ ކުދިން ދިރިއުޅެނީ ލަތީފާ ދުރުގައި ކުއްޔަށެވެ. އެއީ އެ މީހުންނަށް ވެސް އިތުރު ގޮތެއް ނެތީމައެވެ. މައިންބަފައިންނާ ދުރުގައި އުޅެން ހާލަތު މަޖުބޫރު ކުރުވީމައެވެ.

ދެން ހުރި ކުއްޖާ ލަތީފްގެ ގޭގައި ދިރިއުޅޭއިރު، ލަތީފްގެ އަންހެނުންނާއި ތިން ކާފަ ދަރިން އެއް ކޮޓަރިއެއްގައި ވެސް އެތައް ދުވަހެއް ވަންދެން އުޅުނެވެ. އެއީ ގާތްގަނޑަކަށް އަށް ފޫޓު އަށް ފޫޓުގެ ކޮޓަރިއެކެވެ.

"ދެން ވިސްނާލާ އަޅުގަނޑުމެން އުޅޭނެ ހާލު،" އޭނަ ބުންނެވެ.

ކޮންމެ ފަސް އަހަރަކުން ރިރާސީ އިންތިޚާބު ކައިރިވުމުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ލަތީފްގެ ދިރިއުޅުމުގެ ހާލަތު ބަލައެވެ. ދެމަފިރިންނާއި ދަރިން ދިރިއުޅޭ އެ ދަތި ހާލަކީ ބަދަލުވާންޖެހޭ ކަމެއްކަމަށް އެ އެންމެން ވެސް ގަބޫލުކުރެއެވެ. ނަމަވެސް އެއީ އިންތިޚާބުގައި ތާއިދު ހޯދަން ދައްކާލާ ދަޅައެކެވެ. އެ ހާލަތު ބަދަލުކުރަން އެއްވެސް މީހަކު މަސައްކަތް ކޮށްފައެއް ނުވެއެވެ.

"ކޮންމެ އިންތިޚާބެއްގަ ވެސް އައިސް ބަލާފަ ބުނާނެ މިއީ [ގޯތި ނުވަތަ ފްލެޓް] ހައްގުވާ ބައެކޭ. އެކަމަކު އެ ހައްގުވާ ތަނެއް ނާދޭ. [ގޯތި ނުވަތަ] ފްލެޓު ދިނީމަތާ [ހާލަތު ބަދަލު] ވާނީ. އެންމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ ގޭތެރޭގެ ހާލަތު،" ލަތީފް ބުންޏެވެ.

މިއަދު ލަތީފަށް ގޯތި ލިބުނީ ގުޅީފަޅުންނެވެ. ގުޅީފަޅުން ގޯތި ލިބުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރި ނަމަވެސް ލަތީފް ދެކެނީ އެއީ އޭނާއަށް ލިބުނު ބޮޑު ނިއުމަތެއް ކަމަށެވެ.

"ކުރިއަށް އޮތް ދެތިން އަހަރުތެރޭ ހިޔެއް ނުވޭ އެތާ ދިރިއުޅެވޭވަރު ވާނެހެނެއް. ދިރިއުޅުމެއް އުޅެވޭ ވަރު ވާން އެތަނުގަ ފެނާ ކަރަންޓާ މި ހުރިހާ އެއްޗެއް އަދި ސިއްހީ ފަރުވާއާ ސްކޫލު ހުންނަން ޖެހޭ. އެ ހުރިހާ ކަމެއް ވެގެން އެތާ ދިރި އުޅެވޭ ވަރު ވާނީ،" ގުޅީފަޅުގައި އަދި ދިރިއުޅެވެން ނެތްކަން ގަބޫލުކުރި ނަމަވެސް، މިއަދު އެނާއަށް ގޯއްޗެއް ލިބުމުން ހިތްހަމަޖެހި ހުރެ ލަތީފް ބުންޏެވެ.

ގޯތީގެ ގުރު ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ލަތީފް ސިފަކުރާ ގޮތުގައި ގެދޮރުގެ ދަތިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުން ވަނީ ބޮއްސުން ލާފައެވެ. އެ ދިރިއުޅުމަކީ އެއްވެސް ތަރުތީބެއް ނެތް ހަމަޖެހުމެއް ނެތް ދިރިއުޅުމެކެވެ.

ނަމަވެސް މިއަދު އޭނާ އެ ހިތްދަތި ހަނދާންތައް ވަޅުލައިފިއެވެ. ގޯތި ލިބުމުން ލަތީފްގެ ހިތައް ވަނީ އުފާވެރިކަން ލިބިފައެވެ. މިއީ އޭނާ ތާއަބަދަށް ޝުކުރުވެރި ވާނެ ނިއުމަތެކެވެ.