މިމަހު 11ވަނަ ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "އޯމައިގޯޑް2"އަށް އިތުރު އެއްވެސް ފީއެއް އެކްޓަރު ނުނަގާކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަމިތު ރާއީ ބުނެފިއެވެ.

އަމިތު ރާއީ އެހެން ބުނީ، އޯމައިގޯޑް2އަށް ކަނޑައެޅުނު ބަޖެޓަށްވުރެ ގިނައިން ފިލްމަށް ޚަރަދުގޮސްފައިވާކަމުގެ ޚަބަރުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

އަމިތު ރާއީގެއިތުރުން ފިލްމު ގެނެސްދޭ ކުންފުނި ވިއަކޮމް18 ސްޓޫޑިއޯއިންވެސްވަނީ މިޚަބަރު ދޮގުކޮށްފައެވެ.

ފިލްމު "އޯމައިގޯޑް"ގައި އަކްޝޭ ކުމާރު ފެނިފައިވާ ރޯލަކީ ކެމޯ ރޯލެއްކަމަށްވީ ނަމަވެސް ފިލްމުގައި އަކްޝޭ ކުޅެފައިވާ ރޯލަށް ގިނަ ބަޔަކުވަނީ ތައުރީފުކޮށްފައެވެ. އިތުރު ފީއަކާ ނުލާ މިފިލްމުގެ މަސައްކަތް އަކްޝޭ ނިންމާލިއިރު މީގެކުރިންވެސް އަކްޝޭވަނީ ވިއަކޮމް18 އާއެކު މަސައްކަތްކޮށްފައެވެ. އެއީ "ސްޕެޝަލް26"އަދި "ޓޮއިލެޓް އޭކް ޕްރޭމް ކަތާ"ގައެވެ. އެހެންކަމުން ފިލްމު "އޯމައިގޯޑް2" ޓީމަކީ އަކްޝޭއާއި ވަރަށް ގާތްގުޅުމެއް އޮންނަ ޓީމެކެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް 113.78 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވާ މިފިލްމަކީ އެންމެ 50 ކްރޯޑު ރުޕީސްއިން އުފެއްދި ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ އެކްޓަރު ޕަންކަޖު ތުރިޕަތީއެވެ. އަދި ވަކީލެއްގެ ހާއްސަ ރޯލްއިން ބަތަލާ ޔާމީ ގޯތަމްވަނީ މިފިލްމުގައި ފެނިފައެވެ.

އަކްޝޭ ކުމާރުގެ ގިނަ ފިލްމުތަކެއް ކުރިޔަށްއޮތް އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އޭނާ އެންމެ އަވަހަށް ފެންނާނީ އަންނަ އޮކްޓޯބަރު ފަހެއްގައި ރިލީޒްކުރާ ފިލްމު "ދަ ގްރޭޓް އިންޑިއަން ރެސްކިއު"އިންނެވެ. މިފިލްމުގައި އަކްޝޭގެ އިތުރުން ސުނިލް ޝެޓީ އަދި ބަތަލާ ޕަރިނީތީ ޗޯޕްރާ ފެންނާނެއެވެ.