08 May 2012, 13:36
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް އެމަނިކުފާނު މިއަދު ހާޒިރުވެވަޑައިގެން އެ ކޮމިޝަނަށް މައުލޫމާތު ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު 10:00ގައި ރައީސް ވަހީދު އިންކުއަރީ ކޮމިޝަނަށް ވަޑައިގެން ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގައި ދިޔަ ކަންތައްތަކާ ގުޅިގެން ރައީސް ވަހީދު އަށް ލިބިވަޑައިގެންފައިވާ މައުލޫމާތަކާއި އެ މުއްދަތުގައި އެމަނިކުފާނު ކަންތައްތައް ގެންދެވި ގޮތުގެ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސް އެކޮމިޝަނަށް ވަޑައިގެން ކޮމިޝަނުން ކުރި ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވައި، އެކޮމިޝަންގެ މަސައްކަތަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވި ކަމަށެވެ.
"އިންކުއަރީ ކޮމިޝަނުން ކުރެއްވި ސުވާލުތަކާ ގުޅިގެން ރައީސް ވަނީ އެމަނިކުފާނަށް އެނގިވަޑައިގެންނަވާ ކަންތައްތައް ހިއްސާކުރައްވާފައި،" އައްބާސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ތަހުގީގު ކުރުމަށް ރައީސް ވަހީދު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނަށް އެމަނިކުފާނު މިއަދު ހާޒިރުކޮށްފައިވާއިރު އެކޮމިޝަންގެ މުސްތަގިއްލު ކަމާ މެދު އެމްޑީޕީގެ އިތުރުން ކޮމަންވެލްތްގެ ކޮމަންވެލްތާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.