08 Aug 2010, 05:17
10:15
ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގެވުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލުކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މއ. ބްލޫގްރާސް، އަލްއުސްތާޛު އަޙްމަދު މުރާދު އެ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް އޭނާ ދެންމެ ސަންއެފްއެމް އޮންލައިނަށް ކަށަވަރުކޮށްދެއްވައިފި އެވެ. އަދި އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.
ސަންއެފްއެމް އަށް ކަށަވަރުވެފައިވާ ގޮތުގައި މުރާދު އިސްތިއުފާ ދެއްވީ އެމައްސަލައިގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދެވުމަށް ފަހު އެވެ.
މުރާދުގެ އިތުރުން ސުޕްރީމް ކޯޓްގެ އިދާރީ ހިންގެވުން ހަވާލު ކުރެއްވި އަނެއް ތިން ބޭފުޅުންނަކީ މ. ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ބ. އޭދަފުށީ، ކެލާ، އައްޝައިޚު ފައްޔާޒް ޢަލިމަނިކާއި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމެވެ.