14:30


ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީވެ، މިހާތަނަށް 20،000 ދިވެހިން ސްރީލަންކާގައި އާބާދުވެފައިވާ ކަމަށް ސްރީލަންކާގެ އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.


ޕްލާސްޓިކް ކުނި ނައްތާލުމާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ސްރީލަންކާ އެންވަޔަރަންޓް މިނިސްޓްރީގެ ފަރާތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ސްރީލަންކާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ނެޗުރަލް ރިސޯސަސް ޕަޓޭލީ ޗަންޕިކާ ރަނަވަކާ ވިދާޅުވެފައި ވަނީ ސްރީލަންކާގެ އައްސޭރިފަށުގައިވާ ބޭރުވެލާއިން ފެށިގެން ވެއްލަވައްތައާ ދެމެދުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ އަދަދު ސީދާ 20 ހާހަށް އަރާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލި، އެންމެ ފުރަތަމަ އަޑިއަށްދާނެ ކަމަށް ސައިންވެރިންގެ ހޯދުންތަކުން ދައްކަނީ ދިވެހި ރާއްޖެ ކަމުގައި ވާތީ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.


ނަމަވެސް ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު އަލީ ހުސެއިން ދީދީ މިއަދު ވިދާޅުވީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ އަދަދު ކަމުގައި މިނިސްޓަރ ޕަޓޭލީ ވިދާޅުވެފައިވާ 20 ހާހަކީ ސައްހަ އަދަދެއް ނޫން ކަމަށެވެ. އަދި ދިވެހިން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރަމުން ގެންދަނީ ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮވެގެން ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވެސް އަލިދީ ވިދާޅުވި އެވެ. އަލިދީ އަދި ވިދާޅުވީ ގިނަ މީހުން ސްރީލަންކާ އަށް ދަނީ ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމަށް ކަމަށެވެ. އަދި މިހާރު ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ އަދަދަކީ، ކިޔަވާ ކުދިންނާއެކު ދެ ހާސް ހަތް ސަތޭކަ ކަމަށާއި އޭގެ ތެރޭގައި ދެ ހާސް ދުއިސައްތައެއްހާ ކިޔަވާ ކުދިން ހިމެނޭ ކަމަށް ވެސް އަލިދީ ވިދާޅުވި އެވެ.