19 Aug 2023, 09:52
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ އާލިއާ ބަޓް މިހާރު އެންމެ ބޭނުމީ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރާއެކު ފިލްމެއްކުޅެންކަމަށް ބުނެފިއެވެ.
އާލިއާގެ އަމިއްލަ އިންސްޓްގްރާމްގައި ކަރީނާއާއެކު ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓުކުރުމަށްފަހު ބުނެފައިވަނީ އުއްމީދުކުރަނީ ދެ ތަރިން އެކީގައި މަސައްކަތްކުރެވޭނެ ޕްރޮޖެކްޓެއް ވީހާވެސް އަވަހަށް ލިބޭނެކަމަށެވެ.
އާލިއާގެ މި ޕޯސްޓާއެކު ފިލްމީ ދާއިރާގެ ގިނަ ޕްރޮޑިއުސަރުންގެ އިތުރުން ފިލްމީތަރީން ވެސްވަނީ މިކަމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އޭގެތެރޭގައި ޕްރޮޑިއުސަރު ކަރަން ޖޯހަރުއާއި ތަޖުރިބާކާރު މޭކަޕް އާޓިސްޓު މިކީ ކޮންޓްރެކްޓަރު ހިމެނެއެވެ.
މި ދެތަރިންނާއެކު ފިލްމެއް އުފެއްދުން މާބޮޑަށްވެސް ލަސްވެއްޖެކަމަށްބުނެ ވެސް ބައެއް ފަރާތްތަކުންވަނީ އާލިއާގެ ޕޯސްޓަށް ކޮމެންޓްކޮށްފައެވެ. އާލިއާ ބަޓް ފިލްމީ ދާއިރާއަށް ތަޢާރަފުވުމުގެ ކުރިން އައިޑަލްއެއްގެ ގޮތުގައި ދުށް ފަރާތަކީވެސް ކަރީނާ ކަޕޫރު ޚާންއެވެ. އަދި ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ބޭނުންވަނީވެސް ކަރީނާއާ އެއްގޮތަށް ކުރިއަށް ދިޔުމަށް ކަމަށް މީގެކުރިން ދީފައިވާ ގިނަ އިންޓަވިއުތަކުގަ އިވެސްވަނީ ބުނެފައެވެ.
މިހާތަނަށް ދެ ތަރިން އެކީގައި ހަމައެކަނި މަސައްކަތްކޮށްފައިވަނީ 2016ވަނަ އަހަރު ރިލީޒްކުރި ފިލްމު "އުޅުތާ ޕަންޖާބު"އިންނެވެ. ނަމަވެސް މިފިލްމުގައި އާލިއާއާއި ކަރީނާ އެކީގައި ފެންނަ މަންޒަރުތައް ވަރަށްވެސް މަދެވެ.
މިފިލްމުގައި ކަރީނާ ކުޅުނު ރޯލު ކުޑަވެފައި ފިލްމުގެ ލީޑް ބޮޑަށް އަދާކުރީ އާލިއާ ބަޓްކަމުން ދެ ތަރިން އެކީގައި ފިލްމު ސެޓުންވެސް ދިމާވެފައިވަނީ ވަރަށް މަދުންނެވެ.
ދާދިފަހުން ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"އިން ފެނުނު އާލިއާއާއި ކަރީނާއަކީ މިހާރު އާއިލީގޮތުންވެސް ގުޅިފައިވާ ދެ ތަރިންނެވެ. އެކްޓަރު ރަންބީރު ކަޕޫރާ ކައިވެނިކުރުމަށްފަހު އާލިއާއަކީވެސް މިހާރު ކަރީނާއެކޭ އެއްފަދައިން ކަޕޫރު ޚާންދާނުގެ އެއް ހިއްސާއެވެ.