އެމަނިކުފާނުގެ ވެރިކަމެއްގައި ކ. ހުރާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެރަށަށް މިއަދު ވަޑައިގަތުމުންވެސް ކުރެވެނީ 1990ގެ އަހަރުތަކުގައި ވެސް ކުރެވުނު އިހުސާސް ކަމަށެވެ.

ނާޒިމް ވިދާޅުވީ ހުރާއިން ތަރައްގީގެ އެއްވެސް ބަދަލެއް ނުފެންނަ ކަމަށާއި އެ ރަށުގެ ރައްޔިތުންނަށް ލިބިފައި ވަނި ހައްގު މިންވަރު ނޫން ކަމަށެވެ.

"އަޅުގަނޑު ވަރަށް ފަހުން މި ރަށަށް އީދު ތެރޭގައި އައިސް ރަށުގަ ހިނގާލިން. ދަންނަވާލަން ތޯ މި ރަށަކަށް ހަގީގަތުގައި ބަދަލެއް ނާދޭ. ގަބޫލުފުޅު ކުރައްވާ ހުރާގެ ރައްޔިތުން، ތި ބޭފުޅުންނަށް ހައްގު މިންވަރަކު ނޫން ތިބޭފުޅުން ތި ތިއްބެވީ،" ނާޒިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަނދަރާއި، ފެނާއި ނަރުދަމާއަކީ ތަރައްގީ ނޫން ކަމަށާއި، އެއީ ކޮންމެ ބަޔަކަށް ވެސް ކަށަވަރު ވާން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ. ހަގީގީ ތަރައްގީއަކީ އިގްތިސާދީ ގޮތުން ކުރިއެރުން ލިބި ރަށުގައި ތިބެ، އާމްދަނީ ހޯދޭނެ މަގު ފަހި ކޮށްދެވިފައި އޮތުން ކަމަށެވެ.

ވެރިކަމަށް ކުރިމަތިލެއްވީ އިގްތިސާދީ ބަދަލެއް ގެނައުމުގެ މަގްސަދުގައި ކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ، ރަށުގައި ތިބި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.

ވަޒީފާ ދިނުމުގައި މިއަދު ހަމަ ހަމަކަން ނެތް ކަމަށާއި، އެކަން ވެސް ވަނީ ސިޔާސީ ކުޅިވަރަކަށް ހަދާފައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ކުޅިވަރު ނިމުމަކަށް ގެނެސް ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުރިހާ ޒުވާނުންނަށް ފަހި ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ ނަޒަރަކުން ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ފައިދާއެއް ވާ ކަމަކީ ޓޫރިޒަމް. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު، މި ރަށާއި މީގެ އަނެއްފަޅީގައި އޮންނަ ގުޅި އާއި މާފުށްޓަށް އައި ބަދަލާ އެކީގައި މިރަށް އެ ބަދަލު ނައީ ކީއްވެތޯ ތި ބޭފުޅުން ސުވާލު ކުރައްވާ. އެ އިހުމާލު ވި ބަޔަކު ތިބެންވާނެ. އެއީ ސަރުކާރު ތައް.މުހައްމަދު ނާޒިމް

މީގެއިތުރުން ނާޒިމް ވިދާޅުވީ، ރަށަށް ވަންނަ އާމްދަނީ ސިޔާސީ ގޮތުން ނުފޫޒު ބޮޑު ބަޔެއްގެ އަތްދަށަށް ދާތަން ބަލަން ޒުވާނުން ތިބެގެން ނުވާނެ ކަމަށާއި، އެ ބަދަލު ގެނެވޭނީ ހުރިހާ ޒުވާނުން ނުކުމެ އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ.