18 Aug 2023, 21:07
މީހަކު ވަގަށް ސިވިލް ކޯޓަށް ވަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ސިވިލް ކޯޓަށް މީހަކު ވަނުމާ ގުޅިގެން ފުލުހުން ސީންގައި ހަރަކާތްތެރިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަދެފައިވާ މައްސަލައެއް މިއަދު ހަވީރު 15:57 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ތަނުން އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސިވިލް ކޯޓަށް ހުއްދަނެތި މީހަކު ވަދެފައި ވާއިރު، މިދިޔަ ހަފުތާގައި ޖަސްޓިސް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ބަޔަށް ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ، ދެ ފަހަރެއްގެ މަތީން މީހަކު އެ ކޯޓުން ވައްކަން ކޮށްފައިވެއެވެ.