18 Aug 2023, 20:38
އާއްމުންނަށް ހުޅުވާލައިގެން ތަފާތު ޤިރާއަތްތަކުގެ ކިޔެވުންތައް ދައްކާލާ "މަޙްފަލުލްޤުރްއާނީ" އެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި ބާއްވަން ނިންމައިފިއެވެ.
މަޙްފަލުލްޤުރްއާނީ، އަކީ ޤުރްއާނުގެ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލުކުރަމުންދާ ބޭފުޅުންނާއި އަމާޒުކޮށްގެން އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ވަރަށް ޚާއްޞަ ޙަރަކާތެކެވެ.
މި ގޮތުން މި އަހަރު މިބޭއްވެނީ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން ބާއްވާ ތިންވަނަ ޤުރުއާން މަޙްފަލެވެ.
މި މަޙްފަލުގެ މައިގަނޑު މަޤްޞަދަކީ "ކީރިތި ޤުރްއާން ތަފާތު ޤިރާއަތްތަކަށާއި، ދިގު ރާގަށް ކިޔެވުމުގެ ޚާއްސަ ހުނަރުތަކާއި އަޑު ގެންގުޅޭނެ ގޮތްތަކަށް" ޤުރުއާނުގެ ދާއިރާގެ ލެކްޗަރަރުންނާއި މުދައްރިސުން އަހުލުވެރި ކުރުވުމެވެ.

މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ބައެއް ޤާރީންނާއި ރާއްޖޭގެ ފުންނާބު އުސް ޤާރީންގެ ކިޔެވުން ފެނިގެންދާނެއެވެ.
އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ ފާހަގަ ކުރެވެނީ ޤުރުއާނުގެ ދާއިރާގެ މުހިއްމު ބައްދަލުވުންތައް ބާއްބާ ވަރަށް ހަރަކާތްތެރި ތަނެއްގެގޮތުގައެވެ. މިގޮތުން ކީރިތި ޤުރުއާނުގެ ތަފާތު މަހްރަޖާން ތަކާއި، ކިޔެވުމުގެ އިޖާޒާ ޕްރޮގްރާމާއި، ޤުރްއާނުގެ ޢިލްމާ ގުޅޭ ތަފާތު އެތަކެއް ވޯކްޝޮޕްތަކާއި، ޓްރައިން ޕްރޮގްރާމުތައް އެތަނުގެ ފަރާތުން އަންނަނީ ހިންގަމުންނެވެ.