18 Aug 2023, 17:48
އިމާމުވެ ހުކުރު ނަމާދު ކުރާ ހުރިހާ އިމާމުން/ޙަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މި ގަވާއިދަށް ޢަމަލު ކުރަން ފަށާފައި ވަނީ މިއަދުން ފެށިގެނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ހުކުރު ކުރާ ހުރިހާ އިމާމުންނަކީ ވެސް އެއް ގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެއް ކަމަށެވެ.
މި އުސޫލަށް މި ވަގުތު އަމަލު ކުރާނީ ހަމައެކަނި މާލޭ ސިޓީގައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ގަވާއިދަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަމަލު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ކުރާ ހުރިހާ ޚަޠީބުންނަށް މި ކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކު ވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނެއެވެ.
މީގެ ކުރިން ރާއްޖޭގައި މިފަދައިން ޢަމަލުކޮށްފައިވީ ނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައެއް ނުވެއެވެ.
ނަމަވެސް މިއަދު ޢަމަލުކުރަން ފެށި އުސޫލާ އެއްގޮތަށް މީގެ ފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޖުއްބާލައިގެން ހުކުރު ނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.