ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި އާއިލާއާ އެކު އޭނާ ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

މާލީ ހާލަތާ ގުޅިގެން ބާސެލޯނާއަށް މެސީގެ ކޮންޓްރެކްޓް އާކުރެވެން ނެތުމުން، ޕީއެސްޖީއާ އޭނާ ގުޅުނީ 2021 ވަނަ އަހަރުއެވެ. ޕީއެސްޖީގައި މެސީއަށް އެންމެ ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހުނީ އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުންނެވެ. ދަނޑުތެރެއިންނާއި ބޭރުން ވެސް އޭނާއަށް ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި މިދިޔަ ސީޒަނަށްފަހު އޭނާ އިންޓަ މަޔާމީއާ ގުޅެން ޖެހުނީ ވެސް އެ ސަބަބާ ހުރެއެވެ.

"ޕީއެސްޖީއާ ގުޅުމަކީ އަހަރެން އޭރު ބޭނުންވި ގޮތެއް ވެސް ނޫން. އަދި އެއީ އަހަރެން ބާސާ ދޫކޮށްލަން ބޭނުންވެގެން ނިންމި ނިންމުމެއް ވެސް ނޫން. އަހަރެންނަށް ޕީއެސްޖީގައި ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަރެންގެ އާއިލާއަށް ވެސް އެ އުނދަގޫތައް ކުރިމަތިވި. އެކަމަކު އިންޓަ މަޔާމީން ގެނެސްދިނީ މުޅިން ތަފާތު އިހުސާސްތަކެއް،" 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

މެސީ ބުނީ އިންޓަ މަޔާމީއާ ގުޅުނީ އާއިލާއަށްޓަކައި ކަމަށާއި އޭނާގެ ދަރިން ވެސް އެމެރިކާގައި ދިރިއުޅެނީ ވަރަށް އުފަލުގައި ކަމަށެވެ. އަދި، އެ ކްްލަބުގައި އޭނާއަށް ވެސް އުފާވެރިކަން ލިބިގެންދާކަން ވެސް ފާހަގަކުރިއެވެ.

ޕީއެސްޖީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި މެސީ ވަނީ އެ ކްލަބަށް ކުޅުނު 75 މެޗުން 32 ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ކްލަބާއެކު މެސީއަށް ފްރާންސް ލީގު ކާމިޔާބުކުރެވުނު ނަމަވެސް، އެންމެ އުންމީދުކުރަމުންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދިފައެއް ނުވެއެވެ. ޕީއެސްޖީގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ވެސް ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދައިދެވިފައި ނުވުމުންނެވެ.